އާންމު ތަނެއްގައި މީހަކު އިސްލާމް ދީނާ ޚިލާފު ކަމެއް ކަމަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރާ އިރު، މަޝްވަރާ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ދިއުން ރަނގަޅު ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ބިލު ދިރާސާ ކުރުމުގެ މަރުހަލާ ގެންދާ ގޮތާ މެދު ވެސް ފާޑުކިއުންތަކެއް އަމާޒުފައިވާއިރު، އެއީ "ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދުގައި ހުށަހެޅި ބިލެއް ކަމުގައި ދެކި އާންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބިލު ދިރާސާ ކުރާ ޖުޑިޝަރީ ކޮމިޓީގައި ވެސް އިންނަވާ އަލީ ހުސައިން "ވަގުތު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބިލުގެ ދިރާސާ ކުރުމުގެ މަރުހަލާ ޖުޑިޝަރީ ކޮމިޓީން ގެންދަނީ ވަރަށް "އަވަސް އަރުވާލައިގެން" ކަމުގައި ގަބޫލު ކުރެއްވޭ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި ބިލުގެ ދިރާސާ ނިންމަން ކޮމިޓީން ކަނޑައެޅި މުއްދަތު ވެސް ވަރަށް ކުރެވެ. ބިލު ދިރާސާ ނިންމުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހެވެ.

"މިހާ ކުރު މުއްދަތެއް ކަނޑައަޅައިގެން މި ބިލަށް މިހާ ވަރަށް ތެޅެން ޖެހޭ ސަބަބެއް ނުވިސްނޭ، ވަރަށް އަވަސް އަރުވާލައިގެން ކޮމިޓީ ހިންގަނީ،" ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ މެންބަރު އަލީ ހުސައިން ވިދާޅުވިއެވެ.

ކޮމިޓީން މިހާރު ވަނީ އަންގާރަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީއާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، ހިއުމަން ރައިޓްސް ކޮމިޝަނުން ލަފާ ފޮނުވަން އަންގައިފައެވެ. އަދި ލިޔުމުންނާއި މެއިލް މެދުވެރިކޮށް ޚިޔާލު ހުށަހަޅަން އާންމުކޮށް ވަނީ ހުޅުވާލައިފައެވެ.

އަލީ ހުސައިން ގަބޫލު ކުރައްވާ ގޮތުގައި ގާނޫނުއަސާސީ އާއި އިސްލާމް ދީނާ ވެސް ފުށު އަރާ އިބާރާތްތަކެއް ހިމެނޭ ބިލެއްގެ މަޝްވަރާ ހޯދަން ވާނީ އެއަށް ވުރެ ފުޅާ ދާއިރާއެއްގައެވެ. އަދި އޮންލައިން ފޯރަމެއްގައި އެ މަސައްކަތް ގެންދަން އަލީ ހުސައިން ތާއީދެއް ނުކުރައްވައެވެ.

އަލީ ހުސައިން ވިދާޅުވީ، ކޮވިޑް-19 ގެ ރޯގާ މާލޭގައި ވަރަށް ބާރަށް ފެތުރެމުންދާ މި ދަނޑިވަޅުގައި އެ ބިލުގެ މަސައްކަތް މަޑުޖައްސާލުމަކުން ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. ހާލަތު ރަނގަޅު ވުމުން އާންމު ރައްޔިތުންނާއި އިލްމުވެރިން މަޖިލީހަށް ޖަމާކޮށްގެން މަޝްވަރާ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޑު ކޮށްލެވޭނެ ނޫންތޯ، މިހާ ބޮޑަށް ތެޅި އަވަސް އަރުވާކަށް ނުޖެހޭ، ގައުމު ހުއްޓުމަކަށް އަންނަނީއެއް ނޫން ދެއްތޯ މި ބިލު ފާސްނުކޮށް އޮވެގެނެއް، މަޖިލީހަށް އެއްވެ ބަހުސް ހިންގަން ވާނީ، މަޝްވަރާ ވެސް ހޯދަން ވާނީ،" އަލީ ހުސައިން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގައި އާންމުން ޖަމާކޮށްގެން ޚިޔާލު ހޯދުމުގެ ފޯރަމް ބާއްވާފައިވެއެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީއާއި އަދާލަތު ޕާޓީން މި ބިލާ ދެކޮޅު އިރު، ޕީޕީއެމާއި ޕީއެންސީން ވެސް ބިލާ ދެކޮޅެވެ. އަދި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލުގައި އިސްލާމް ދީނަށް ފުށު އަރާ ބައެއް ކަންކަން ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީގެ ފަތުވާ މަޖިލީހުން ވެސް ވިދާޅުވެފައިވެއެވެ.

ބިލާ ގުޅޭ ގޮތުން އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހިސާން ވިދާޅުވެފައިވަނީ ބިލު އޮތީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. އަދި ބިލުން ޚިޔާލު ފާޅުކުރުމާއި ދީނީ ނަސޭހަތް ދިނުމަށް ހުރަސް ނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ވެސް ހުށަހެޅުއްވީ ހިސާނެވެ. ބިލުގެ ފުރަތަމަ ކިއުން މިދިޔަ ހަފުތާގައި ވަނީ އިއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަދަލުވަމުންދާ ސަޤާފަތް

    ވަރަށް ރަގަޅު ބަހެއް ތިޔަބުނީ

  2. އިބްރާހިމް

    އައްޔާ ލާދީނީ ބައިގަނޑަކަށޭ ތިޔަ ތާއީދު ކުރެވުނީކުރީގަ. އެކަމުގެ ހިތިރަހަ މިހާރު ލަމުން ތިޔަގެންދަވަނީ.

  3. ޏަމްޏަމް

    ސިޓީ ހޯޕް އޮތީ މަޖިލިސް އަ ށްބުހުސައް ދާން ތައްޔާރަށް