ހއ.ދިއްދޫގެ ބައެއް މަގުތަކަކީ ހަމައެކަނި ވަން-ވޭ (އެއްކޮޅަށް) ދުއްވޭ މަގުތަކެއް ކަމުގައި ކަނޑައަޅައިފިއެެވެ.

ބުރާސްފަތި ދުވަހު މިގޮތަށް ކަނޑައަޅާފައި ވާއިރު، އެރަށުގެ ޖުމްލަ 5 މަގެއް ވަނީ އެއްކޮޅަށް ދުއްވޭ މަގުތައް ކަމުގައި ކަނޑައަޅާފައެވެ. މި މަގުތަކަކީ ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތަކެއް ނަމަވެސް، މި މަގުތައް ހަނިވެފައި، އެ ސަރަހައްދުގައި އެކްސިޑެންޑުތައް ހިންގާ މިންވަރު އިތުރުވެ، ހިނގާ ބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާކަމުގެ ޝަކުވާތައް ވަނީ ކޮށްފައެވެ.

ދިއްދޫގައި އެއްކޮޅަށް ދުއްވޭ ގޮތަށް ކަނޑައެޅި ބައެއް މަގުތައް

އެއްކޮޅަށް ދުއްވޭ މަގުތައް ގޮތުގައި ކަނޑައެޅީ ރަށުގެ އުތުރު ކޮޅުން ފްލެޓު ތަކަށް ދާން އޮންނަ ސަރަހައްދުގެ މަގުތަކެވެ. މި ސަރަހައްދަކީ ރަށުގެ ގިނަ ފިހާރަތަކެއް ވެސް ހުރި ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މަގުތައް އެއްކޮޅަށް ދުއްވާގޮތަށް ނިންމުމުން އޭގެ ފަސޭހަތައް ރަށުގެ އެންމެންނަށްވެސް ކުރާނެއެވެ.

”މިއީ ވަރަށް ރަނގަޅު ނިންމުމެއް އަސްލު. މި މަގުތަކުގަ ދެކޮޅަށް ދުއްވާތީ ހިނގާލަން ވެސް އުނދަގޫވޭ. ބައެއް ގަޑިތަކުގަ މަޖީދީ މަގެކެ ވަކި ތަފާތެއް ނެތް މި މަގުތައް“ ދިއްދޫ އިން ”ވަގުތު“ އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

ދިއްދޫގައި އެއްކޮޅަށް ދުއްވޭ ގޮތަށް ކަނޑައެޅި މަގުތައް

ދިއްދޫ އިން އެއްކޮޅަށް ދުއްވޭ މަގުތައް ގޮތުގައި ކަނޑައަޅާފައި ވަނީ ރަބީއު ހިނގުމާއި، މިރިހި މަގު، އަދި ދާންނާކަލޭގެފާނު މަގުގެ އިތުރުން ހިތްފަސޭހަ މަގުގެ ދެބައެކެވެ. މިއާއިއެކު ރަށުގެ ފުލުހުން ވެސް ވަނީ މި ނިންމުމާއި އެއްގޮތަށް އަމަލުކުރަން ފަށާފައެވެ.