ބާ ކައުންސިލްގެ ބައި އިލެކްޝަންގެ އިންތިހާބާ ބެހޭ ކޮމިޓީއަށް ވަކީލަކު ހޯދަން ކުރި އިއުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީ އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާންގައިވާ ގޮތުން މި މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

ކޮމިޓީއަށް އައްޔަނުކުރާ މެންބަރަކާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ކުރިމަތިލާ ކެންޑިޑޭޓަކާ ތިމާގެ ކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ކަމުގައިވާނަމަ، އެ މެމްބަރަކު އިންތިހާބާ ބެހޭ ކޮމިޓީން އިސްތިއުފާ ދޭން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ.

މަގާމަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މި މަހުގެ 24 ގެ ކުރިން ބާ ކައުންސިލުގެ އީމެއިލްއަށެވެ.

ބާ ކައުންސިލްގެ އެކްސްކޯގައި ތިއްބަވަނީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރެވޭ ހަ މެންބަރުންނާއި އެކްސްކޯގެ ރައީސްގެ އިތުރުން ބަންޑާރަ ނައިބެވެ. ދާދި ފަހުން އެކްސޯ މެންބަރު ކަމުން އަނަސް އަބްދުއްސައްތާރު ވަނީ އިސްތިއުފާ ދެއްވާފައެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު އުފެއްދި ބާ ކައުންސިލަކީ ގާނޫނީ ހިދުމަތުގެ ދާއިރާ ރެގިއުލޭޓް ކުރުމާއި، ވަކީލުންގެ ސުލޫކީ މިންގަނޑު އެކުލަވާލުމާއި، ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމާއި، ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމުގެ މެންޑޭޓް އޮންނަ ކައުންސިލެވެ.

ގާނޫނީ ހިދުމަތުގެ ދާއިރާ ތަރައްގީ ކުރުމާއި، ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރު އިންތިހާބު ކުރުމާއި، ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާ ބެހޭ ގަވާއިދު ހެދުމަކީ މި ކައުންސިލްގެ ޒިންމާއެކެވެ.