ވަކީލުންގެ ކަންތައްތައް ރެގިއުލޭޓް ކުރަން އުފައްދާފައިވާ ބާ ކައުންސިލްގެ އެކްޒެކްޓިވް ކޮމިޓީގެ ހުސްވެފައިވާ މަގާމަށް މީހަކު އައްޔަން ކުރެވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ބާ ކައުންސިލްގެ އެކްސޯގައި ހިމެނިވަޑައިގަންނަވާ އަނަސް އަބްދުއްސައްތާރު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމު އޮތީ ހުހަށެވެ.

ބާ ކައުންސިލްގެ ގާނޫނުގައި ބުނާ ގޮތުން އެގްޒެކެޓިވް ކޮމިޓީގެ މަގާމެއް ހުސްވެއްޖެ ނަމަ، އެ ހުސްވާ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި ބާއްވަން ޖެހެއެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު "ވަގުތު" އަށް ވިދާޅުވީ، 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ހުރަހަކަށް ވަނީ ކޮވިޑް-19 އާ ހެދި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށެވެ. މި މަހުގެ ތިން ވަނަ ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ދެ މަހަށް އިތުރުކޮށްފައެވެ.

އެ ހާލަތު ދެމިއޮތްހާ ހިނދަކު އެކްސޯއަށް މީހަކު އައްޔަން ނުކުރެވޭނެ ކަމަށް މައުމޫން ވިދާޅުވިއެވެ. މަގާމަށް ކުރިމަތިލާން ހުޅުވާލާނެ ސީދާ ތާރިހެއް މައުމޫން ހަމީދު ވިދާޅުވެއް ނުވެއެވެ.

ކޮވިޑްގެ ސަބަބުން ބާ ކައުންސިލްގެ މަސައްކަތަކަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށް މައުމޫން ހަމީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ބާ ކައުންސިލްގެ އެކްސްކޯގައި މި ވަގުތު ތިއްބަވަނީ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތާއި، އަހުމަދު މުއިއްޒު އާއި އަނާރާ ނަސީމްއާ، މުހައްމަދު އަސީލް ހަސަންގެ އިތުރުން ނޫރުބާން ފަހުމީއެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު އުފެއްދި ބާ ކައުންސިލަކީ ގާނޫނީ ހިދުމަތުގެ ދާއިރާ ރެގިއުލޭޓް ކުރުމާއި، ވަކީލުންގެ ސުލޫކީ މިންގަނޑު އެކުލަވާލުމާއި، ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމާއި، ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމުގެ މެންޑޭޓް އޮންނަ ކައުންސިލެވެ.

ގާނޫނީ ހިދުމަތުގެ ދާއިރާ ތަރައްގީ ކުރުމާއި، ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރު އިންތިހާބު ކުރުމާއި، ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާ ބެހޭ ގަވާއިދު ހެދުމަކީ މި ކައުންސިލްގެ ޒިންމާއެކެވެ.