ރައީސް ސޯލިހަށް ކަށަވަރުކޮށް ގެނެސްދެވުނީ ބަދަލުހިފުން އެކަނި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ލިބުނުކަން އޭސީސީގެ ތަހްގީގަށް ސާބިތުވެގެން އެމައްސަލައިގައި ދައުވާކުރަން ފޮނުވުމާއިއެކު އޭސީސީގެ ރައީސް އައިޝަތު ޝިއުނާ އާއިމެދު ހިތުގައި އުފެދިފައިވާ ޝުއޫރުތައް މިނިސްޓަރ މަހްލޫފް ވަނީ ބޭރުކުރައްވާފައިއެވެ. މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓަކު ވިދާޅުވީ އޭނާއަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން ކަމަށެވެ.

މަހްލޫފްގެ މައްސަލައިގައި ފުރިހަމަ ނުވާކަންކަން ފުރިހަމަ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ދެފަހަރުގެ މަތިން އަންގާފައިވާއިރު މަހްލޫފް ވަނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ" ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

މަހްލޫފްގެ މައްސަލައިގައި އޭސީސީ އިން ކަންތައްކުރި ގޮތައް އިޝާރާތްކޮށް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ޝާމިލްވި ކަމުގެ ތުހުމަތު އަމާޒުވާ ފަރާތްތައް ސަރުކާރުގެ އެސެޓަކަށް ވެއްޖެ ކަމަށެވެ. އަދި ސަރުކާރުގެ މެމްބަރުންނާއި، ވަޒީރުން ތިބީ މޯގޭޖްވެފައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޖަމީލް ވިދާާޅުވި ގޮތުން ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ސަރުކާރުގެ ފަަރާތްތައް މިވަގުތު ތިބީ ސަރުކާރާއި ހިޔާލުތަފާތުވާނަމަ އެފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ ބިރުވެރިކަމުގައެވެ.

"މިސަރުކާރަށް އެމްއެމްޕީއާރުސީގެ ވައްކަން މިވީ އެންމެ ބޮޑު އެސެޓަށް. މެންބަރުންނާއި ވަޒީރުން ތިބީ މޯގޭޖްވެފައި. ބަސްނާހާ ކޮންމެ ފަހަރަކު ޤާނޫނަށް ޑީފޯލްޓްވެ ދަޢުވާގެ ބިރު ބޯމަތިވޭ." ޖަމީލް ވިދާޅުވިއެވެ.

ކޯލިޝަންގެ ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވަމުން ޖަމީލް ވިދާޅުވީ އެމަނިކުފާނަށް ކަށަވަރުކޮށް ގެނެސްދެވުނީ ބަދަލުހިފުން އެކަނި ކަމަށެވެ.

އޭސީސީ އިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައިވާ ގޮތުން، މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަން ފޮނުވަން ނިންމީ ޕީޕީއެމްގައި ހުރިއިރު ސަރުކާރާ އެއްކޮޅަށް މަޖިލީހުގައި ބިލެއް ފާސް ކުރުމަށް ވޯޓް ދިނުމުން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު އެސްއޯއެފް އެކައުންޓުން ޖަމާކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވެގެނެވެ.

މި ފައިސާ މަހްލޫފްގެ އެކައުންޓަށް ޖަމާކުރިއިރު އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައެވެ.

އޭސީސީގެ ބަޔާނުގައިވާ ގޮތުން، މަޖިލީހުގައި ނެގުނު ވޯޓަށް ފަހު ޚިޔާނާތުގެ މޭސްތިރިޔާ ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކުންނާއި މަހްލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ތާރީޚުން އެއީ ޚިޔާނާތުގެ ފައިސާ ކަން ތަހުގީގަށް ފާހަގަވާން އޮތް ކަމުގައެވެ. ނަމަވެސް ހެކިންގެ ބަޔާންތައް ސައްޚަ ނޫން ގޮތެއްގައި ނަގާފައިވާ ކަމަށް ބުނެ ޕީޖީއިން ވަނީ ދެފަހަރެއްގެ މަތިން އެ މައްސަލަ އަނބުރާ އޭސީސިއަށް ފޮނުވާލާފައެވެ.

މި ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ގާތްގަނޑަކަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ނޫން ނޫން ޖަމީލް އަދި ކަށަވަރުކޮށް ގެނެސްދޭ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދޮގު ހެދުމާ ރައްޔަތުންނަށް އޮޅުވާލުމާ ރޯކަމަށް ހެދިގެން ޑްރާމާ ޖެއްސުން ވެސް. 24 ގަޑި އިރުތެރޭ އެތައް ދިވެހިންނެއް މި ދުނިޔެ ދޫކޮށް ދިޔައީމަ ޓީވީގަ ނުރޮއި. އަލީ ވަހީދުގެ ޝިކާރަ އަށް ވީކަމަށް ކިޔާ އަންހެން ކުދިންގެ ވާހަކަ އަޑުއަހާފަ ރޮއި ކަމަށް ވޭ. ސަރުކާރުގެ އިހުމާލުން ކުޑަ ކުޑަ މިސްކާ ނިޔާވީމަ ނުރޮއި ، އެހެން ވެ ޑަރާމާ ރުއިމޭ މި ބުނީ.

  2. ބަދަންއަލީ

    ޖަމީލޫ ކަލޭތީހަމަ ޕީއެޗްޑީ ނަގައިގެންހުރި ލޯޔަރެއްތަ؟ ކަލޭ ތިއުޅެނީ 14 ފަނަރަ އަހަރުގެ ހޭނުޖެހޭ ކުއްޖެއް އުޅޭހެން