ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް ހޯމް މިނިސްޓަރު އިމްރާން ހާޒިރުކޮށްފިއެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމަށް މިނިސްޓަރު އިމްރާން ހާޒިރުކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ފުލުހުންގެ ޚިދުމަތުގެ އިސްވެރިން މީގެ ކުރިން ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން މިނިސްޓަރު އިމްރާނާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންކުއަރީއަށް ހާޒިރު ކުރާނެ ކަމަށް މީގެ ކުރިން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މާރިޔާ ހާޒިރު ކުރާނެ ތާރީޚެއް އަދި ސާފެއް ނުވެއެވެ. މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ސަޕޯޓަރުންގެ އެންމެ ބޮޑު ފާޑުކިއުމެއް ވެސް އަމާޒުވީ މިނިސްޓަރު މާރިޔާއަށެވެ.

އެއީ މާރިޔާއަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ފަރާތުން ރައީސް ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމަށް ފަހު ވެސް މާ ގިނަ ފިޔަވަޅުތައް އަޅުއްވާފައި ނުވާ ކަމަށް ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު 241 ކޮމިޓީއަށް ވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދުއާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ ވެސް ހާޒިރުކޮށްފައިވެއެވެ.

އެމްއެމްއޭގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރިއިރު، ރައީސް ނަޝީދަށް މިދިޔަ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަށް ފަންޑު ކުރި މީހުން ހޯދުން ލަސްވާތީވެ އެމަނިކުފާނުގެ ސަޕޯޓަރުންނާއި އާންމުންގެ މެދުގައި ކަންބޮޑުވުން އިތުރުވެފައިވެއެވެ.

ފުލުހުންނާއި ސިފައިންގެ އިސް ވެރިންނާއި ވަކިވަކި ފުލުހުންނާއި ސިފައިން ވެސް މި ކޮމިޓީގެ އިންކުއަރީއަށް މިހާތަނަށް ހާޒިރުކޮށްފައިވެއެވެ.

މިގޮތުން އެމްއެންޑީއެފްގެ ކްލޯސް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސް ކޮމާންޑަރުންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑަރުންނާއި، އެމަނިކުފާނުގެ ބޮޑީގާޑުންނާއި ޑްރައިވަރު ވެސް މީގެ ކުރިން ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ މި އިންކުއަރީއަށް އެންމެ ފުރަތަމަ ވަކިވަކި ސިފައިން ހާޒިރުކުރަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދިއެވެ. އެކަމަކު ފަހުން ވަކިވަކި ސިފައިން ހާޒިރުވާން ފެށިއެވެ.

ވަކިވަކި ސިފައިން ފޮނުވަން ދެކޮޅު ހަދައި ފޮނުވި ލިޔުމުގައި ސޮއިކުރައްވާފައިވާ މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލިއެވެ.

މި މައްސަލަ ބޭރުކޮށްލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިގެން އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ކަމުގައި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވެއެވެ.

މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ އަދިވެސް ކުރިއަށްދާއިރު އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ނުތަވަނަސް ކަން އިތުރުވެފައެވެ. އެ ޕާޓީގެ އެތެރޭގެ މަސްރަހު އިތުރަށް ހޫނުވެ ޕާޓީ ދެބައިވި ކަމުގައި އެއްބަސްވެވަޑައިގެން ބައެއް މެންބަރުން ޓްވިޓާގައި ވަނީ ވާހަކަ ވެސް ދައްކަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އސއ

    ބޭކާރު ބޮލެއް

  2. ސސ

    ތިޔައީ ދައުލަތުން ބަލަހައްޓާ މީހުންގެ ސެކިއުރިޓީގައި މައްސަލައެއް ހުރެގެން ކުޅޭ ޗަރުކޭސް ގަޑެއްނޫން ތިޔައީ އިސްތިޢުމާރީ ބޮންދުން ބޮޑުތަކުރުފާނުގެ ލަޝް ކަރާއި އެތެރެޔާއި ބޭރުން ތޮޅެން ކުރާކަމެއް ، ލަޝް ކަރު ވަރަށް ހުޝިޔާރުވާންވާނެ ޤައުމުގެ ދިފާއުގައި !