ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހާޒިރުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން މި ހަފްތާ ތެރޭގައި މިނިސްޓަރު ހާޒިރުކުރަން ވަނީ ތާވަލުކޮށްފައެވެ.

އެކަމަކު ހާޒިރުކުރާ ވަކި ދުވަހެއް އެނގިފައެއް ނުވެއެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނުގެ ސަޕޯޓަރުންގެ އެންމެ ބޮޑު ފާޑުކިއުމެއް ވެސް އަމާޒުވީ މިނިސްޓަރު މާރިޔާއަށެވެ.

އެއީ މާރިޔާއަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ފަރާތުން ރައީސް ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމަށް ފަހު ވެސް މާ ގިނަ ފިޔަވަޅުތައް އަޅުއްވާފައި ނުވާ ކަމަށް ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު 241 ކޮމިޓީއަށް ވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދުއާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ ވެސް ހާޒިރުކޮށްފައިވެއެވެ.

އެމްއެމްއޭގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރިއިރު، ރައީސް ނަޝީދަށް މިދިޔަ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއަށް ފަންޑު ކުރި މީހުން ހޯދުން ލަސްވާތީވެ އެމަނިކުފާނުގެ ސަޕޯޓަރުންނާއި އާންމުންގެ މެދުގައި ކަންބޮޑުވުން އިތުރުވެފައިވެއެވެ.

ފުލުހުންނާއި ސިފައިންގެ އިސް ވެރިންނާއި ވަކިވަކި ފުލުހުންނާއި ސިފައިން ވެސް މި ކޮމިޓީގެ އިންކުއަރީއަށް މިހާތަނަށް ހާޒިރުކޮށްފައިވެއެވެ.

މިގޮތުން އެމްއެންޑީއެފްގެ ކްލޯސް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސް ކޮމާންޑަރުންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑަރުންނާއި، އެމަނިކުފާނުގެ ބޮޑީގާޑުންނާއި ޑްރައިވަރު ވެސް މީގެ ކުރިން ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ މި އިންކުއަރީ އަށް އެންމެ ފުރަތަމަ ވަކިވަކި ސިފައިން ހާޒިރުކުރަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދިއެވެ. އެކަމަކު ފަހުން ވަކިވަކި ސިފައިން ހާޒިރުވާން ފެށިއެވެ.

ވަކިވަކި ސިފައިން ފޮނުވަން ދެކޮޅު ހަދައި ފޮނުވި ލިޔުމުގައި ސޮއިކުރައްވާފައިވާ މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގައި އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލިއެވެ.

މި މައްސަލަ ބޭރުކޮށްލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިގެން އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ކަމުގައި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވެއެވެ.

މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ އަދިވެސް ކުރިއަށްދާއިރު އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ނުތަވަނަސް ކަން އިތުރުވެފައެވެ. އެ ޕާޓީގެ އެތެރޭގެ މަސްރަހު އިތުރަށް ހޫނުވެ ޕާޓީ ދެބައިވި ކަމުގައި އެއްބަސްވެވަޑައިގެން ބައެއް މެންބަރުން ޓްވިޓާގައި ވަނީ ވާހަކަ ވެސް ދައްކަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢބްދުއްﷲ

    މިނިސްޓަރު މާރިޔާ ކޮމިޓީއަށް ހާޒިރު ކުރުން މި ހަފްތާގައި

    16 ސިކުންތު ކުރިން ( ޖޫން 19, 2021 )

    އިންޑިޔާ ސަފީރު ކައިރިން ހުއްދަ ލިބިއްޖެތޯ؟

  2. ހުސެން

    ޑިފެ ންސް މި ނިސްޓަރު ދެކެ މިހާރު އަ ންނނ ނިވެސް ބިރުގަ ނޭ ކަ ން އި ނގިއްޖެ އެހުރީ މާލެވެސް އަ ން ނަ ނން ނުކެރިފަ...