ދުނިޔޭގެ ކަލްނަރީ ދާއިރާއިން ދެމުން އަންނަ އެންމެ މަތީ ގިންތީގެ އެވޯޑަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ނޮމިނޭޓް ވެއްޖެއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ މިކަހަލަ އެވޯޑަކަށް އެމްއެންޔޫ ނޮމިނޭޓްވި ފުރަތަމަ ފަހަރުއެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް ކަލްނަރީ އެވޯޑަށް ނޮމިނޭޓްވެފައި ދުބާއީގައި ބާއްވާ ދުނިޔޭގެ ވަނީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ މޮޅު ކަލްނަރީ ތަމްރީނު ދޭ މަރުކަޒުގެ ގޮތުގައެވެ. މި އެވޯޑް ދޭން ނިންމާފައި ވަނީ މިއަހަރު ނޮވެމްބަރު މަހުއެވެ.

މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މި އެވޯޑަށް ވޯޓުލުން ކުރިއަށް ގެންދަނީ އޮންލައިންކޮށް "ވޯލްޑް ކަލްނަރީ އެވޯޑް" ވެބްސައިޓުންނެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވޯޓުލުން ވަނީ ހުޅުވާލާފައި ވާއިރު ގައުމީ ޔުނިވާސިޓީން އެދެނީ, ރާއްޖެއަށް ރީތި ނަން ހޯދުމަށް ހުރިހާ ދިވެހިންވެސް އެ ޔުނިވާސިޓީގެ ފެކަލްޓީއަށް ވޯޓު ދިނުމަށެވެ.

"އެމް.އެން.ޔޫގެ އެންމެހާ މުވައްޒަފުންނާއި ދަރިވަރުންގެ އިތުރުން ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ބޭފުޅުން އަޅުގަނޑުމެންނަށް ވޯޓުދެއްވުން އެދެން. އެންމެ ވޯޓަކުން ވެސް ދިވެހިރާއްޖެއަށް ރީތި ނަމެއް ހޯދައިދެވިދާނެ" އެ ފެކަލްޓީން ބުނެފައިވެއެވ.ެ

ވޯލްޑް ޓްރެވަލް އެވޯޑްސްވެސް ދޭ ކުންފުނިން ކަލިނަރީ ދާއިރާއަށް ހާއްސަކޮށްގެން ވޯލްޑް ކަލިނަރީ އެވޯޑްސް ތައާރަފުކުރީ މިދިޔަ އަހަރުއެވެ. އެއަހަރު މި އެވޯޑް ލިބިފައި ވަނީ މޮރިޝަސްގެ އޮލިވިއޭ ކަލިނަރީ ސްކޫލްއަށެވެ. މިއަހަރުގެ ނޮމިނޭޝަންތައް އިއުލާނު ކުރިއިރުވެސް އެ ސްކޫލް ނޮމިނޭޓްވެފައިވެއެވެ. ރާއްޖޭގެ އިތުރުން ދެ ގައުމެއްގެ ތިން ތަނަކުން މި އެވޯޑަށް މިފަހަރު ވާދަކުރެއެވެ.

މިދިޔަ ފަހަރު މި ސަރަހައްދުގެ ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ލިބިފައިވާއިރު، ބެސްޓް ހޮޓެލް ރެސްޓޯރަންޓް އެވޯޑު ރާއްޖޭގެ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ޓަޕަސާކޭ ރެސްޓޯރަންޓަށް ލިބިފައިވެއެވެ.