ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ދައުލަތުގެ އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރަން އެމްޑީޕީގައި އެކުލަވާލާފައިވާ "މޭ ހައެއް" ކޮމިޓީން އެދިއްޖެއެވެ.

މި ކޮމިޓީއަކީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ބޮމުގެ ހަމަލާގެ ތަހުގީގާއި އެ ކަން މެދުވެރިވި ކަންކަން ބެލުމަށް ހިނގަމުންދާ ދިރާސާތަކަށް ފާރަވެރިވުމުގެ ގޮތުން އެމްޑީޕީގައި އެކުލަވާލި ކޮމިޓީއެކެވެ.

މި ކޮމިޓީގައި ތިއްބަވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްއާއި، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްއާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒުއާއި، ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އަދި، ރައީސް ނަޝީދުގެ މަންދޫބެއްގެ ގޮތުގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގެވެ.

ކޮމިޓީން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކޮށް، މެންބަރު އަފީފް ވިދާޅުވީ ރައީސް ސޯލިހްގެ އިތުރުން ރައީސް ކަނޑައެޅުއްވި އިނގިރޭސިވިލާތުގެ މަންދޫބު އައްބާސް ފާއިޒްއާއި، ރައީސް ކަނޑައެޅުއްވި އިންޓެލް އޮޑިޓް ކޮމިޓީއާ ވެސް ބައްދަލު ކުރަން އެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި، ފުލުހުންނާއި، އެމްއެންޑީއެފްއާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ ވެސް ބައްދަލު ކުރައްވަން ވަނީ ނިންމަވައިފައެވެ.

ރައީސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލުމާ ގުޅިގެން އެންމެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެގެން އައީ މިނިސްޓަރު މާރިޔާއަށެވެ. އެއީ ނަޝީދަށް ނުރައްކާ އޮތް ކަން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މައުލޫމާތު ދެއްވި ފަހުން ވެސް އެކަށޭނަ ފިޔަވަޅު އެޅިފައި ނެތް ކަމަށް ބުނެއެވެ.

މިނިސްޓަރު މާރިޔާއާ ބައްދަލު ނުކުރާނަންތޯ "ވަގުތު" އިން ސުވާލު ކުރުމުން ކޮމިޓީގައި އިންނަވާ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ވިދާޅުވީ ކޮމިޓީން މިނިސްޓަރު މާރިޔާއާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

"މި ވަގުތަށް އަޅުގަނޑުމެން ބޭނުންވަނީ އެމްއެންޑީއެފްއާ ބައްދަލު ކުރަން، އެމްއެންޑީއެފްއާ ބައްދަލު ކުރުމަށް ފަހު މިނިސްޓަރު މާރިޔާއާ ވެސް އަޅުގަނޑުމެން ކޮމިޓީން ބައްދަލު ކުރާނެ،" އަމީން ފައިސަލް ވިދާޅުވިއެވެ.

އެޗްއާރުސީއެމުން އިއްޔެ ނެރުނު ބަޔާނުގައި އޮތް ގޮތުން ވެސް މި މައްސަލާގައި އެ ކޮމިޝަނަށް ބޭނުންވާ މައުލޫމާތުތައް ޚިއްސާނުކޮށް މިހާތަނަށް ވަނީ ވެސް ޑިފެންސް މިނިސްޓްރީން އެކަނި ކަމަށެވެ.

މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއަރީއަށް ވެސް ފުރަތަމަ ވަކިވަކި ސިފައިން ފޮނުވުމާ ގުޅިގެން ޚިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. އެކަމަށް ފުރަތަމަ މިނިސްޓްރީން ދެކޮޅު ހެދި ނަމަވެސް ފަހުން ވަނީ ވަކިވަކި ސިފައިން ހާޒިރު ކުރާން ފަށައިފައެވެ.

ވަކިވަކި ސިފައިން ނުފޮނުވޭނެ ކަން އަންގައި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ސޮއިކުރައްވައި މަޖިލީހަށް ލިޔުން ފޮނުވުމުން ނަޝީދު ވަނީ އޭނާއަށް ދައުވާ ކޮށްދޭން ޕީޖީ އޮފީހުގައި އެދިވަޑައިގެންފައެވެ. އަދި އިމްތިޔާޒު ކޮމިޓީއަށް ވެސް ހުށަހެޅުއްވިއެވެ.

އެކަމަކު ޕީޖީ އޮފީޙުން މައްސަލަ އަނބުރާ ފޮނުވާލިއިރު އިމްތިޔާޒު ކޮމިޓީން މައްސަލަ ބޭރުކޮށްލިއެވެ. އިމްތިޔާޒު ކޮމިޓީން މައްސަލަ ބޭރުކޮށްލީ ވެސް ރައީސްގެ އެންގެވުމަކަށް އެމަނިކުފާނުގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ކަމަށް ވެއެވެ.

މިއާއެކު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ، ރައީސަށް ތާއީދު ކުރައްވާ މެންބަރުންނާއި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ވަރަށް ބޮޑަށް ބޮޑު ވެފައިވެއެވެ.