އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ފުއާދު ތައުފީގް އެ ކޮމިޝަންގެ ތަރުޖަމާނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.

އީސީގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށްވާ، އެކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މިއަދުން ފެށިގެން ހުރިހާ މީޑިއާތަކަށް ކޮމިޝަންގެ ފަރާތުން މައުލޫމާތު ދެއްވާނީ ފުއާދު ކަމަށެވެ.

އީސީގެ ތަރުޖަމާނެއްގެ ގޮތުގައި ފުއާދު ހަމަޖައްސާފައި ވާއިރު، އޭނާއަކީ 2013 ވަނަ އަހަރު އެކޮމިޝަންގެ ރައީސް ކަން ކުރެއްވި ބޭފުޅެކެއެވެ. ގިނަ ސިޔާސީ ޕާޓީ ހިމެނޭ ވާދަވެރި ނިޒާމެއްގައި ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރެއްވި ކޮމިޝަނަރެކެވެ. އޭރުގައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތު ތަކެއް ފުއާދު ކޮށްފައިވާ އިރު އޭނާ ވަނީ އެކަން ދޮގު ކުރައްވާފައެވެ.

2014 ގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުން އޭނާ ދުރު ކުރިއްސުރެން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އެމްޑީޕީގެ ބައެއް ހަރަކާތްތަކަށެވެ. އެއަށް ފަހު ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ފުއާދު ވެސް ރާއްޖެ ވަޑައިގަތެވެ. ދެން އައި މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވިއެވެ. މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައިގެން އޭނާއަސް އެ އިންތިހާބު ނާކާމިޔާބުވެވަޑައިގަތެވެ.

މިހާރު އަނެއްކާ ވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ފުއާދު މަސައްކަތް ކުރައްވާއިރު، އެ މަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭނާ މެމްބަރަކަށް އައްޔަން ކުރަން ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ އަންގާރަ ދުވަހު އީސީގެ ރައީސް އަހްމަދު ޝަރީފް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާއިރު އެކޮމިޝަންގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ އީސީގެ ނައިބު އިސްމާއިލް ހަބީބުއެވެ. ގާނޫނުގައި ވާގޮތުން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަނު ކުރަން ޖެހޭނެއެވެ. އީސީގެ ރައީސްކަމަށް މެމްބަރަކު އައްޔަން ކުރާނީ ރައިސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް އެ މަގާމަށް އެބޭފުޅަކަށް އާދެވޭނީ މަޖިލީސް މެމްބަރުންގެ ރުހުން ލިބިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އަނެއްކާ އަނެއް 6 ކަންތައް! މީނާ ދައްކާ ވާހަކަ ތަރުޖަމާކުރަންވެސް އިތުރު ތިން މީހުން ބޭނުންވާނެ!

  2. ހަގީގަތް

    މީގެ ކުރިން އޭނަ ރައީސް ކަމަށް ހުރި އިރުވެސް ކޮމިޝަންގެ ރަސްމީ ޖަލްސާއެއްގައި ރަސްމީކޮށް ވޯޓު ނަގައިގެން ނިމުނީ ކޮމިޝަންގެ 5 މެމްބަރުން ކުރެ އެކަކޭ މީޑިޔާއަށް ކުރިމަތިލާނީ. އެއީ ހުރިހާ މީހުން މީޑިޔާއަށް މައުލޫމާތު ދެންނާ އެކި މީހުންނަށް އެކި އެތި ބުނެވިދާނެ ތިއްޔޭ. އެފަހަރުވެސް މީޑިޔާއަށް ކުރިމަތިލާން ރަސްމީކޮށް ނިމުނީ ފުވާދު އެކަނި. އެކަމަކު އިންތިހާބު ގާތްވެގެން ސަކޭގާ ނުވީމާ އެއްކަލަ ނިންމުން އޮތްކަމުގެ މައްޗަށް ފަސްއަޅާ ފޮރުވާފަ މީނާ ކަނޑައެޅިގެން ދޮގު ހަދައިގެން ބުނަންފެށީ އެހެން މެމްބަރުން މީޑިޔާއަށް ކުރިމަތިލާން ދެކޮޅުހަދަނިއްޔޭ!!!!! އެ ވަރު މީހަކު އަނެއްކާ ހަމަ އެކަމަށް ތި ހަމަޖެއްސީ. މިފަހަރު ނޫސްވެރިން ތިބެންވާނީ ސަމާލުވެ، މިކަލޭގެޔަށް ހިފާއްޓާ ނުލެވިގެން އެއްކަލަ ކަހަލަ އިލްޒާމު ތައް ގޮވަން ފަށަފިއްޔާ. މި ހަބަރު ރައްކާކޮށް ފާހަގަކޮށްފަ ބާއްވާތި!

  3. ޙަސަނާ

    ކޮން ތަރުޖަމާނެއްތަ ތީ މޑޕ ގެ ޕަޕެޓެއް ކިހާއިންސާފުވެރިވާނެ މި ކޮންމެ ގޮލަޔަކުވެސް މީ މޑޕ ވެގެންގޮސްހުސްވެފަ ތިބޭ ބީތާ އިން ކީއްކުރަންކިއާ މިނިވަންމުއައްސަސާ އެއްބާ ދައުލަތުގެ ލާރިގަޑުތަޅާބުރުވަނީ ގައުމުދަރަނީ ލިބޭ އެއްޗަކައްވުރެ ހަރަދުބޮޑު..