ރާއްޖޭގެ ފަތުރުވެރިކަން އިނގިރޭސިވިލާތުގައި އިޝްތިހާރު ކުރުމުގައި އިސް ދައުރެއް އަދާ ކުރި ޓޯނީ ޑިލަރޫކް މަރުވެއްޖެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވާގޮތުން، ފަތުރުވެރިންގެ ތެރޭގައި ޓޯނީ ޑިލަރޫކް މަޝްހޫރުވެފައިވަނީ [ދަ މޯލްޑިވް ލޭޑީ]ގެ ނަމުންނެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން އޭނާއަށް ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، 1997 ވަނަ އަހަރުހަނދާނީ ލިޔުން އޭނާއަށް ދީފައެވެ.

އޭނާ މަރުވުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރަށްތައް ޕްރޮމޯޓް ކުރުމުގައި ހަރަކާތްތެރިވި އެމަނިކުފާނުގެ ރަހުމަތްތެރިއެއްކަމަށްވާ ޓޯނީ މަރުވުމުން އެކަމާއި ހިތާމަ ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ އަތޮޅުތަކަށް އޭނާ ފޮތްތައް ހަދިޔާ ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

2005 ވަނަ އަހަރު އޭނާގެ މަސައްކަތްތައް ރާއްޖެއިން ބަލައިގަންނަކަން ހާމަކޮށް އޭނާއަށް ސަރުކާރުގެ ފަރާތުން ވަނީ ހާއްސަ އިނާމެއް ދީފައެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައިވާގޮތުން ފަތުރުވެރިއެއްގެ ގޮތުން ޓޯނީ ޑިލަރޫކް ފުރަތަމަ ރާއްޖެއަށް ޒިޔާރަތް ކުރީ 1980 ވަނަ އަހަރި އެވެ. އަދި ރާއްޖެއަށް ކުރި އެ ޒިޔާރަތް ނިންމައި އެނބުރި ގައުމަށް ގޮސް، އިނގިރޭސިވިލާތުގެ އަންހެނުންގެ ސްކޫލްތަކުގަ އާއި، ވިމެންސް ލަންޗަން ކްލަބްތަކުގައި ރާއްޖެއާބެހޭ މައުލޫމާތު ދީ، ރާއްޖެއާމެދު މީހުން ޝައުޤުވެރިކުރުވުމުގެ މަސައްކަތް ފެށިކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން، އިނގިރޭސިވިލާތުގެ ބައެއް ރޭޑިޔޯ ސްޓޭޝަންތަކުން ފޮނުވާ ޕްރޮގްރާމްތަކުގައި، ރާއްޖެއާބެހޭ މައުލޫމާތު އޭނާ ދިނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، މީހުން ޝައުގުވެރި ކުރުވުމަށްވެސް މަސައްކަތް ކުރިކަމަށް ލިޔެފައި ވެއެވެ.

އަދި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އޮނަރަރީ ޓޫރިޒަމް ރެޕްރެޒެންޓެޓިވްގެ މަގާމު 1990ގެ އަހަރުތަކުގެ ތެރޭގައި އޭނާ ވަނީ ފުރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބޫ

    މިޚަބަރު ކިޔާލީމަ ހީބަނީ މިހާރުގެ ރައިސަކީ މައުމޫނުހެން.

  2. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    މީގެ އިތުރުންވެސް އޭނާވަނީ ރިސޯޓްތަކުގައި ވަޒީފާއަދާކުރާ ކުދިންނަށް ޓްރޭނިންގ ޕޮރްގްރާމް ތަކެއްހިންގާފަ. މަވެސް އޭރު ފްރަންޓް އޮފީހުގައި މަސައްކަތްކުރި އިރު ކަސްޓަމަރ ކެއަރގެ ޓްރޭނިންގ ޕޮރްގުރާމަކަށް އެޓެންޑްވިން. ޚިދުމަތްތެރިއަކަސް ތިކަމާބުނާނެ އެއްޗެއްނެތް. ވެރިފަރާތުން ގެންދެވީ. ގެންދެވީ ކޮންތާކަށް ކަމެއްނޭގެ. ހީ އަކީ ފާފައެއް ނޫންނަމަ ހީވާތަނެއް ލިޔެލީމުސް! ތިޔަ ހީވީ މަށްވެސް ހަމަ ހީވާގޮތް. ސަލާމް