ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭނުންވާ ބައެއް ތަކެތި އެރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ، އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެރަށް ގެންގޮސްފައި ވަނީ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްގެ ދެވަނަ ޝިޕްމަންޓް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފަވެ.

އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނޭ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެއެވެ.

މިއީ ހައުސިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވާއިރު، މި މަޝްރޫއަށް 48.5 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.