ފަރުވާ ދިނުން ލަސްވެގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ މައްސަލައާ ގުޅުންހުރި މައުލޫމާތުތައް އިދާރާތަކުން ހޯދުމުގައި އެޗްއާރްސީއެމަށް ގޮންޖެހުންތަކެއް ދިމާވާތީވެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އެޗްއާރްސީއެމްގެ ކޮމިޝަނަރު މޫމިނާ ވަހީދު ވިދާޅުވީ، ކޮވިޑް ޖެހިގެން ނިޔާވި މިޝްކާގެ މަރުގެ މައްސަލައިގައި ހެލްތް މިނިސްޓްރީން އާއްމުކުރި ރިޕޯޓް އަދި މިހާތަނަށް ރަސްމީކޮށް ލިބިފައިނުވާ ކަމަށެވެ.

ކޮވިޑް-19 ބަލީގައި މިޝްކާ ނިޔާވީ އެމެޖެންސީގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ ދެ ވަނަ ދުވަހުގެ ރެއެވެ. އުމުރުން 10 އަހަރުގެ މިޝްކާ ހޮސްޕިޓަލަށް ގެންދިޔައީ އޭގެ އެއް ރޭ ކުރިންނެވެ. އޭރު ވެސް މިޝްކާގެ ހާލު އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އާއިލާ އިންނާއި ހެލްތު މިނިސްޓްރީގެ ރިޕޯޓުން އެނގުނު ގޮތުގައި މިޝްކާ ބަލާ އެމްބިއުލާންސް އައީ ދެ ގަޑިއިރަށް ވުރެ ގިނަ އިރުވި ފަހުންނެވެ.

ރިޕޯޓުން އެނގުނު ގޮތުގައި ކޯލް ސެންޓަރުން އޮތީ އެމްބިއުލާންސް އަށް ނާންގައެވެ.

މިޝްކާ ހޮސްޕިޓަލަށް ގެންދިޔަ ރޭގައި ކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓް އާއްމުކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެމްބިއުލާންސް އަށް ފުރަތަމަ ގުޅި ގަޑިން ފެށިގެން ގޮސް ދެން އޭގެ ފަހުން އެޗްއީއޯސީން ކަންކުރި ގޮތާއި ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަން ހިނގިގޮތް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރިޕޯޓް ކޮމިޝަނާ ހިއްސާކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ.

"އަދާހަމަ އަށް ހެލްތް މިނިސްޓްރީގެ ފަރާތަކުން ރިޕޯޓެއް ހިއްސާކޮށްފައެއް ނުވެ" މޫމިނާ ވިދާޅުވިއެވެ.

މިޝްކާ އަށް ފަރުވާދިން އައިޖީއެމްއެޗުން އެކުލަވައިލި ރިވިއު ރިޕޯޓެއް އެޗްއާރްސީއެމާ ވަނީ ހިއްސާކޮށްފައެވެ.

އެ ރިޕޯޓުގައިވެސް ބޭނުންވާ ވަރަށް ބައެއް މައުލޫމާތުތައް ނެތުމުން އެކަން އަވަސް ކޮށް ދިނުމަށް ކޮމިޝަނުން ސިޓީއެއް ފޮނުވާފައިވާކަން މޫމިނާ ވިދާޅުވިއެވެ.

މޫމިނާ ވިދާޅުވި ގޮތުގައި ފުލުހުން ވަނީ މައްސަލަ ނުބަލާކަން މީގެ ކުރިން ކޮމިޝަނަށް އަންގައިފައެވެ. އެހެންވެ ތަހުގީގުކޮށް ދޭން މިހާރު ފުލުުހުގައި އެދިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދިފައިވަނީ ފުލުހުންގެ އިދާރާއަށް 14 ޖޫން ގައި ތަހުގީގު ކޮށް ދިނުމަށްޓަކަައި" މޫމިނާ ވިދާޅުވިއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ، ކޮމިޝަންގެ ތަހުގީގު ވެސް އަވަސް ވެގެންދާނީ ރިޕޯޓް ލިބުމުން ކަމަށެވެ.

"އެއްވެސް ފަރާތެއްގެ އިހުމާލު އޮތީ ކޮން ގޮތަކަށްތޯ އެނގޭނީ މައުލޫމާތު ލިބިގެން " މޫމިނާ ވިދާޅުވިއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިޝްކާގެ މައްސަލާގައި ވާހަކަ ދައްކަވަމުން ނަސީމް ކޮމިޓީގައި އެދިވަޑައިގެންނެވީ ހަފްތާއެއްގެ މުއްދަތު ދެއްވުމަށެވެ. އެ މުއްދަތު ހަމަވެފައިވާއިރު މި ހަފްތާ ތެރޭގައި ހެލްތް މިނިސްޓްރީގެ ބޭފުޅުން ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން ވަނީ ހަމަޖެހިފައެވެ.

މިޝްކާގެ މަރާއެކު ރާއްޖޭގެ ސިއްހީ ނިޒާމުގެ ދޯހަޅި ސިޔާސަތުގެ ވާހަކަތައް މި ވަނީ އަނެއްކާވެސް ފެންމަތިވެފައެވެ. ސަރުކާރުންތަކުން ސިއްހީ ދާއިރާއަށް ބޮޑެތި އަދަދުތަކުން ހޭދަކުރަމުންދާއިރުވެސް އެންމެ އެކަށިގެންވާ ނަތީޖާއެއް ނުނެރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    ކޮބާ ބޭނުމަކީ މިސްކާ ފަކީރު ގެ މައިންބަފައިން ތިޔަ ތަހުޤީގް ނިމޭއިރު ކުއްވެރިވާނީ، ކެތްތެރިވޭ އިންޝާﷲ މިސަރުކާރު ﷲ ގެ ރަޙުމަތުން ބަދަލުވީމަ އިންޝާ ﷲ މިސްކާގެ މައިންބަފައިންނަށް އިންސާފް ލިބޭނެ. ﷲ ރަހުމަތާއެކު،

    10
  2. ބޭކާރު މުއައްސަސާތައް

    ރިޕޯޓެއް ނުލިބުނަސް އެޗްއާރސީއެމަށް އަމިއްލައަށްވެސް ތަޙުޤީޤުކުރެވޭނެ. މުއުމިނާ ވަހީދުގެ ސީދާ ބެލުމުގެ ދަށުގައި މިހާރު އޮންނަ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގައި މަދުވެގެން 15 މުވައްޒަފުން އެބަތިބި. އަދިވެސް އެހެން އޮފީސްތަކުން ރިޕޯޓު ނުލިބެޔޭ ބުނު ތަޙުޤީޤުނުކޮށްތޯ ތި ތިއްބަވަނީ؟

  3. ވާނުވާ

    މި އުޅެނީ ފުރާނަ އެއް ގެއްލިގެން. މިކަމާ މަޖީލީހުން ކަންބޮޑޫވާތަނެއް ނުފެނޭ.
    ނަށީދަށް ލިބުނު އަނިޔާ އާ ހެދި އުޅޭތަން ފެންނަނީ