ރާއްޖޭން ބޭރުގައި މި ވަގުތު ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް ހިނގަން ވާނީ ރާއްޖޭގެ އިހްތިސާސް އޮތް ތަނެއްގައި އަލީ ވަހީދު ހުންނަވައިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ އަލީ ވަހީދަށް ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

ކްރިމިނަލް ކޯޓުގައި މާދަމާ މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އަޑޭގެ އެއްބަސްވުން ވެސް ވަނީ މި މަހުގެ ނުވަ ދުވަހަށް ހަމަވެފައެވެ. އަދި އަލީ ވަހީދު ވަނީ އޮންލައިންކޮށް ޝަރީއަތަށް ހާޒިރުވާން ކްރިމިނަލް ކޯޓުގައި އެދިފައެވެ.

ޕީޖީ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި "ވަގުތު" އިން ކުރި ސުވާލެއްގެ ޖަވާބުގައި ޝަމީމް ވިދާޅުވީ، ރާއްޖޭގެ އިހްތިސާސް ނެތް ތަނެއްގައި ދައުވާ އުފުލިފައިވާ ފަރާތް ހުރެގެން ޝަރީއަތް ހިންގުމަކީ އޭނާ ގަބޫލު ކުރައްވާ ހަމައެއް ނޫން ކަމަށެވެ.

"މިސާލަކަށް ދައުވާ އުފުލިފައިވާ ފަރާތުން، ރާއްޖޭގެ އިހްތިސާސް ނެތް ތަނެއްގައި ހުރެގެން، ޝަރީއަތުގައި ބައިވެރިވެގެން، ކޯޓުގެ ހުރުމަތް ކަނޑާލީ، ދެން ކުރެވޭނެ ކަމެއް ނޯންނާނެ، ދެން އަޅުގަނޑު ބުނަންވީ، ހާދަ ދެރައޭ، ކޯޓުގެ ހުރުމަތް ވެސް ކަނޑާލީއޭ، އެޅޭނެ ފިޔަވަޅެއް ވެސް ނެތޭ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމާއި ރެޑް ނޯޓިސް ނެރުމާ ގުޅޭ ގޮތުން އެ އޮންނަ ތަރުތީބެއްގެ ތެރެއިން ޕީޖީ އޮފީހުން މަސައްކަތް ކުރާނެ ކަމަށެވެ.

އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކުރިއެވެ. އެކަމަކު މި މައްސަލަތައް ކުރިއަށް ދެވޭ ގޮތް ނުވެ ވަނީ ހުއްޓިފައެވެ.

އެއީ ވެސް އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މިފަދަ މައްސަލައެއް ގެންދެވެން ނޯންނާނެތީއެވެ. އަލީ ވަހީދު ހާޒިރުނުވެއްޖެ ނަމަ އޭނާގެ ޕާސްޕޯޓް ކެންސަލް ކުރަން އެދޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.

އަލީ ވަހީދު ފުރައިގެން ދާން ފުރުސަތު ލިބޭނެ ގޮތް ވުމުން ޕީިޖީ އޮފީހަށާއި ކްރިމިނަލް ކޯޓަށާއި ސަރުކާރަށް ވެސް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެކަމަކު ޕީޖީ ވިދާޅުވަނީ އެ ކަމާ ދައުލަތުން ދެކޮޅު ހަދާފައިވަނިކޮށް ކޯޓުން އެ ހުއްދަ ދިނުމުން، އޭގައި ޕީޖީ އޮފީހުގެ ފެއިލް ވުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސައިކޯބެ

  ރާއްޖޭގެ އިހްތިސޯސް އޮތީ ކޮންތަނަކު ބާ

 2. އައްޑޫ މީހާ

  ޙަހަހަ ރާއްޖޭގެ އިހުތިސާސްތޯ؟ ރާއްޖޭގެ އިހުތިސާސް ހިނގާ ތަނެއްގައިތޯ ކެނެރީގޭ ލާދީނީ ސޮރު ފިލައިގެން އޮތީ؟ ދިވެހިރާއްޖޭގެ ފަސްގަނޑުގައި ހުރި ދިވެހިރާއްޖޭގެ އިހުތިސާސް ނުހިނގާ ތަނެއްގެ ތެރޭގައި ކިތައް ދުވަސް ވަންދެން ފިލާ އޮތްކަން ދެނެހުރީ ކިތައް މީހުންތޯ؟ އެހެންވެ މިބުނަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ނާޅަން ސޭވް އައްޑޫ ހިންދުސްތާން އައުޓް

 3. ޒޫނާ އަބްދުލް ވައްޙާބު

  އަލީ ވަޙީދު ސީދާ ފުރުވާލުމަށް ހުއްދަދިނީ ހިންނަވަރު އިބްރާހިމް ، އޭނަ ރާއްޖޭގައި ބަހައްޓައިފި ނަމަ ސަރުކާރުގެ ސިއްރުތައް ފަޅާލާނެ ކަމުގެ އިޝާރާތެއް ރައީސަށް ލިބުނީމަ އަވަހަށް ފުރުވާލީ

 4. ހެއްހެއް

  އެމްބަސީގަ ކުރެވޭތަ؟ އެތަނަށް ވަނީމަ ބަންދުކުރާނީ ދޯ؟

  4
  1
 5. ހުސޭނުބޭ

  ޢަލީ ވަހީދު ފުރުވާލާފައި ދައްކާ ފޮނި ވާހަކަ!