އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރ އަދި މީސް މީޑިއާ އެކްޓިވިސްޓް، ޔާމީން ރަޝީދުގެ މައްސަލާގައި ވަކާލާތު ކުރައްވަން އާއިލާއާ މަޝްވަރާ ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ޝަރީއަތުގައި ވަކާލާތުކޮށް ދޭން އާއިލާ އިން ޕީޖީ ޝަމީމް އަރިހު އެދިފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. ޝަމީމް، ވަކާލާތުކޮށް ނުދެއްވާތީ އެކަމުގެ ޝަކުވާކޮށް، ރައްޔިތުންގެ މަޖިލީހަށް އެސޯސިއޭޝަން އޮފް ޑިމޮކްރަސީ އޮފް މޯލްޑިވްސް އިން ސިޓީއެއްވެސް ފޮނުވާފައިވެއެވެ.

އެ ސިޓީގައި ވަނީ ޔާމީންގެ އާއިލާއިން، ޕީޖީ ވަކާލާތު ކޮށްދޭން އެދިފައިވަނީ މައްސަލާގައި ދައުލަތުން ވަކާލާތު ކުރައްވަމުން ގެންދަވާއިރުގައި މުހިއްމު ތާރީހްތައް ފަދަ މައްސަލައިގައި ހިމެނޭ ހައްސާސް މައުލޫމާތު ހަނދާނުގައި ނުހުރުން ފަދަ ސަބަބުތަކާއި ހެދި ކަމަށެވެ. އަދި ޔާމީންގެ މަރުގެ މައްސަލައިގެ ދިފާއީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ދައުވާއާ ގުޅުން ނެތް ވާހަކަތައް ދައްކައި މައްސަލަ ދިގުދަންމަން މަސައްކަތް ކުރައްވާއިރު އެކަން ހުއްޓުވުމަށް ފަނޑިޔާރަށް ހުށައަޅާފައި ނުވާތީ ކަމަށް ވިދާލުވިއެވެ.

މި މައްސަލަ މަޖިލީހަށް ހުށައަޅަން ޖެހުނީ އާއިލާގެ އެދުމަށް މިހާތަނަށް ޖަވާބެއް ދެއްވުމުގެ ބަދަލުގައި އެ މަސްއޫލިއްޔަތު ނެގުމަށް އިންކާރުކޮށް ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށް ޝަކުވާ ކުރަމުންދާތީ ކަމަށް އެ ސިޓީގައިވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އެ ސިޓީ އޭނާއަށްވެސް ލިބިފައިވާ ކަމަށެވެ. އަދި ޔާމީންގެ ވަކީލަކަށް ވުމަށް އާއިލާއާއި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ޕީޖީ އިސްވެ، އެ މައްސަލާގައި ވަކާލާތުކޮށް ނުދެއްވާތީ އެކަމުގެ ޝަކުވާކޮށް، އާއިލާއިން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ރިއާޔަތްކޮށްފައިވާ ކަންކަމަކީ އޭނާ އެ މައްސަލާގައި ވަކާލާތުކޮށްގެންވެސް ކުރި ހޯދޭނެ ކަންކަން ނޫން ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑު ކޯޓަށް ގޮސްގެން އާއިލާގެ ހިތަށް ތަސައްލީއެއް ލިބިގެން ނުވަތަ އިންސާފް ގާއިމްވާނެ ކަމަށް ގަބޫލުކުރަންޏާ، އަޅުގަނޑަށް އިތުރު ކޮންޓްރިބިއުޝަން (އެއްބާރުލުން) ދެވޭ ނަމަ އަޅުގަނޑު މިހުރީ ދާން. އެއްގޮތަކަށް ވެސް ނުދާކަށް ނޫން." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭނާ މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރެއްވި ނަމަވެސް ކްރިމިނަލް ކޯޓަށް ވަރަށް ވަޑައިނުގަންނަވާ ކަމަށެވެ. އެއީ އެއްވެސް ޕްރޮސޮކިއުޓާ ޖެނެރަލްއަކު ކޮށްފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ވިދާޅުވީ އެކަމަށްވެސް އުސޫލެއް ހައްދަވާނެ ކަމަށެވެ.

މެއި 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެ މައްސަަލާގައި އިސްކޮށް އުޅެނީ އެއީ ވަރަށް ހައްސާސް މައްސަލައަކަށް ވުމުން ކަމުގައި ވިދާޅުވިއެވެ. އަދި އެ މައްސަލާގައި ހުރިހާ ކޮޅަކުންވެސްް ބަލަން ޖެހޭ ކަންކަން ހުރިކަން ފާހަގަކުރެއްވިއެވެ.

ޔާމީން ރަޝީދު މަރާލީ އޭޕްރީލް 23، 2017 ގެ ދަންވަރުގެ ވަގުތެއްގައި ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ.

މަރުތަކުގެ ހަގީގަތާ ހަމައަށް ވާސިލް ވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވެސް މި މައްސަލަ ތަހުގީގު ކުރަމުންދެއެވެ. އެ ކޮމިޝަނުން މިހާތަނަށް ކުރެވުނު ތަހުގީގުގެ މައްޗަށް ބުނެފައިވަނީ ޔާމީން ރަޝީދު މަރާލަން ރާވާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ޖަމިއްޔާއަކުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތެދު

    އެމްޑީއެން ބޭފުޅުން ކޮއްމެކަމެއްވެސްކޮއްފާނެ...މަޑުކަށިމީހުންދޯ...

  2. ތުލުސްދޫ

    އެހްންތޯ، ޕީ.ޖީ މުހްތާޒް މުހްސިން ޖިނާޢީ(މިހާރު ނަމަ ކްރިމިނަލް ކޯޓަށް) ފުލުހެއް ރަހުމު ކުޑަގޮތަކަށް މަރާލި މައްސަލާގައި ދިޔަކަން ހަނދުމަނެތީތޯ؟

  3. Anonymous

    ލާދީނީ ކޮންމެ މުރުތައްދެއް އަނެއް މުރުތައްދުގެ ހިމާޔަތުގައި ނުކުންނާނެ. އެކަމަކުވެސް ފައިލްވާނީ

  4. Anonymous

    މޑޕ އޮއްވަތަ ދަނީ...؟؟؟

  5. Anonymous

    ޢާއިލާއާ ބައްދަލުކޮށްފަ ވަކިގޮތަކަށް ހެކިބަސް ދޭން ނުބުނާނެބާ.