ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ތަހުގީގު އަންނަ މަހުގެ ތެރޭގައި ނިންމާ ދައުވާ ކުރަން ފޮނުވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އެ ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގު ހިނގަނީ ބާރު ދުވެއްޔެއްގައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި މައްސަލަ ތަހުގީގުކޮށް ހުރިހާ ލިޔެކިޔުންތަކެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޮގަސްޓް ފަހެއްގެ ކުރިން ދައުވާ ކުރަން ކޯޓަށް ފޮނުވޭނެ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަކީ ވަރަށް ހައްސާސް މައްސަލައެއްކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ މި ހަމަލާއަކީ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ ދައުލަތުގެ ޕްރޮސެކިއުޓަރެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ.

މި މައްސަލާގެ ތަހުގީގު މިހާރު ގޮސްފއިވާ މިންވަރާއި މެދު ހިތްހަމަޖެހޭ ކަމަށާއި، އެއީ ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމުގައި ވިދާޅުވިއެވެ.

"ހުރިހާ މައުލޫމާތެއް މިކޮޅަށް ވަގުތުން ވަގުތަށް ލިބެމުން ވެސް އެބަދޭ، އަޅުގަނޑުމެންގެ އިރުޝާދު ވެސް އަދި ރާއްޖޭން ބޭރުގެ ބައެއް ފަރާތްތަކުގެ އިރުޝާދު ވެސް ފުލުހުން އެބަ ހޯއްދަވާ. ޖުމްލަ ގޮތެއްގައި އަޅުގަނޑު ހިތްހަމަޖެހޭ ތަހުގީގު ކުރިއަށްދާ ގޮތާއި މެދު" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރެއް ފުލުހުންނާއިއެކު ތަހުގީގުގައި މަސައްލަތް ކުރައްވާ ކަމަށެވެ. އަދި ހަފްތާއަކު އެއްފަހަރު ތަހުގީގުގެ ބްރީފިންނެއް ފުލުހުން އެމަނިކުފާނަށް ދެއްވާ ކަމަށެވެ.

މި މައްސަލާގައި އަވަސް އަރުވާލައިފި ނަމަ އެކަމުގައި ބައިވެރިވި ބަޔަކު އަތުނުވެ ދިޔުމުގެ ބިރުވެރިކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލަސްކޮށްފިނަމަ ހެކި ނައްތާލުމުގެ ފުރުސަތު އޮންނާނެ ކަަން ފާހަގަކުރެއްވިއެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާއިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ. އޭޑީކޭގައި 16 ގަޑިއިރު ވަންދެން ކުރި އޮޕަރޭޝަނަކަށް ފަހު އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް އަދިވެސް އިންފެކްޝަނެއް ހަށިގަނޑުގައި އުފެދުމުގެ ނުރައްކާ އޮތް ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާ އިން ބުނެއެވެ.

ނަޝީދު އަވަހާރަ ކޮށްލުމަށް މި ދެވުން ވަރުގަދަ ޓެރެރިސްޓް ހަމަލާއާއި ގުޅިގެން ފަސް މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި ނިރުބަވެރި ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް، ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގެންނެވީ މެއި 13 ވަނަ ދުވަހުއެވެ. ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ އޭޑީކޭގައި ހަފްތާއެއްހާ މުއްދަތަކަށް ފަރުވާ ހޯއްދެވުމަށް ފަހުއެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވެވަޑައިގެންނެވީ ވަރަށް ހަނިގޮތަކަށެވެ. ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ސާޖަރީތަކެއް ވެސް ހެއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައްޕު

    މިއޮށް އަންނަމަހެއް. މުންޑެއް އަނުމަށްވުރެ މިމަސް އަންނަން މާއުނދަގު.

  2. ކޮވިޑް

    ތީ މިހާރު މިސަރުކާރުން އަހަރުގެ މަސްތަކަށް އިތުރު ކޮށްގެން އުޅޭ ހަމަހެއް ކޮންމެ ކަމެއް ވެސް އަންނަމަސް ކަޑައީ އެ މަސް ދުވަހަކުވެސް ނާންނާތީ. ފްލެޓްތައްވެސް އަންނަމަސް އެމަހެއް ނައި.

  3. ސސ

    މިރާއްޖޭގައި ގެންގުޅެނީ ކުށުގެ ޖިނާޢީ ޢަދުލުގެ ނިޒާމް ބޮޑަށް ވައްތަރީ ތަ ކްފީރީ ހަވާރިޖުންގެ އަދުލުގެ ނިޒާމާއި ނުންތޯ ؟