އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ ގާނޫނާ ޚިލާފަށް ހެކިތަކެއް ހޯދައިގެން ކަމަށާއި އެހެންވެގެން ދައުވާ ފުރިހަމަ ނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހްލޫފްގެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އޭގައި ހަމަނުވާ ބައެއް ލިޔެކިއުންތައް ހަމަވުމުން ދައުވާ ކުރުމާ މެދު އޮފީހުން ގޮތެއް ނިންމާނެ ކަމަށެވެ.

ޝަމީމްގެ އެ ވާހަކައާ ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން އޭސީސީއަށް ފޮނުވި ލިޔުމުގައިވާ ގޮތުން ނަމަ، ޖެނުއަރީ މަހު ޑިއުޓީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރިކޮށް އޭނާގެ މައްސަލަ ހުށަހެޅުމުން ތަހުގީގު ކުރަން ޕީޖީން އޭރު އޮތީ އަންގަވާފައި ކަމަށެވެ.

އޭގެ ފަސް މަސް ދުވަސް ފަހުން މައްސަލަ އޮތް ގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް ޕީޖީއަށް އޭސީސީއިން މައްސަލަ ފޮނުވުމުން، އެ އިސްލާހު ކުރަން ޕީޖީން އެންގެވީ ކަމަށް މަހްލޫފް ފާހަގަކުރެއްވިއެވެ.

"ދައުވާ ކުރިޔަސް އަދި ނުކުރިޔަސް އެއީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމުން އަދި ޕީޖީ އެ ވިދާޅުވާ ގޮތަށް ދައުވާ ފުރިހަމަ ވެސް ނުކުރެވޭނެ،" މަހްލޫފް ލިޔުއްވާފައިވެއެވެ.

މަހްލޫފް ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ އެ ކަމުގައި ވީ އަވަހަކަށް ގޮތެއް ނިންމައިދިނުމަށް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މަހްލޫފް އެންމެ ބޮޑު ފާޑުވިދާވުމެއް އަމާޒު ކުރީ ވެސް އޭސީސީއަށެވެ. އޭސީސީގެ ރައީސް އައިޝަތު ޝިއުނާއަށް އަމާޒު ކުރައްވާ ވެސް މަހްލޫފް ވަނީ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފައެވެ. މި ކަމުގައި ޝިއުނާ އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

އަހްމަދު މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރަން އޭސީސީން ވަނީ އެދިފައެވެ. އެއީ ޚިޔާނާތުގެ ކުށުގެ ދައުވާއާއި ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާއެވެ.

އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ލިސްޓުގައި މަހްލޫފްގެ ނަން އޮތެވެ. ކުރިން އޭސީސީން އެކުލަވާލި ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ވެސް މަހްލޫފްގެ ނަން އޮތެވެ.

މަހްލޫފަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމާ ހަމައިން ވަޒީރު ކަމުން އޭނާ ވަނީ އެކަހެރިކޮށްފައެވެ. އަދި ވަގުތީ ގޮތުން ވުޒާރާ ހިންގެވުން ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއެވެ.

ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު

ރިޝްވަތު ނެގި ކަމުގެ ދައުވާ ކުރަން ނިންމާފައިވަނީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ޚިޔާނާތުގެ ފައިސާ ކަމުގައެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން، އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅުމުންނެވެ.

އޭސީސީން ފާހަގަކުރާ ލިޔުންތަކަކީ އޭނާ ތަހުގީގީ އިދާރާތަކަށް ފޮނުވި "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޯށްފައިވާނެ ކަމަށް އަންގައި މަހްލޫފް ފޮނުވި ސިޓީއެކެވެ.

އޭސީސީން ފާހަގަކުރާ ގޮތުގައި މި ލިޔެކިއުންތަކުގައިވަނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް އެ ފައިސާ ނެންގެވީ ޑޮލަރު ގަންނަން ކަން ތަހުގީގަށް ދެއްކުމަށް ޓަކައި ކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.

މީގެ ކުރިން މަހްލޫފް ވެސް ދިފާއުވާން ދެއްކެވީ މި ވާހަކައެވެ. އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ލިބިވަޑައިގެންނެވި ފައިސާ ކަމުގައެވެ. އެއީ ޚިޔާނާތުގެ ފައިސާ ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި މަހްލޫފް ވިދާޅުވަމުން ގެންދެވިއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން، މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮވިޑް

    މިއަދު މަހުލޫފައް ތިހެން ބުނެވިއްޖެ ދޯ؟ ކޮން އުސޫލަކުން ހެކި ހޯދައިގެންތޯ ރައީސް ޔާމީން އަށް ހުކުން ކޮށް ޖަލައްލާފަ އެހުރީ؟ އެދުވަހު އުފާ ފާޅުކުރީމެއްނު މަހުލޫފް؟ ދެން މިއަދު ކޮން ޤާނޫނާ ޙިލާފް ހެއްކެކޭ ކިޔާކަށް؟ އެމްޑީޕީ އަށް ވަނީ ސަލާމަތްވާނެ ކަމަށް ހީކޮށްނު ތިފެންނަނީ ބޮޑު މަންޒަރު މަހުލޫފް ގޮވެ މޮޅު އެޖެންޑާ 19. ދެން އެޖެންޑާ 19 އާ އޮޅުލައިގެން ނިދާލާ.

  2. އައްޑޫ މީހާ

    މަހުލޫފް ޔާމީނު ޖަލަށް ލީމަ ކިހާވަރަކަށް އުފާ ފާޅުކުރިންތަ؟ އޭރު އެދައުވާ ކުރީ ކޮންގޮތަކަށް ހޯދި މައުލޫމާތަކަށް އަދި ކޮންކަހަލަ ހެއްކެއްގެ މައްޗަށް ބިނާކޮށްފަތޯ ހުކުމް ކުރީ؟ ފަނޑިޔާރުވެސް ހުރީ ޒާތީ ވެފަ އެދުވަހު މަހުލޫފްއަށް ކަމުނުދޭތޯ އެހުކުމް؟ ދިވެހިރާއްޖޭގެ މުޅި ޖުޑިޝަރީ މުށުތެރެއަށް ލައިގެން އިންސާފުން ބޭރުން އިސްލާމީ ޝަރީއަތާ ޚިލާފަށް ކަންތައް ނިންމަމުން ދިޔަ އިރު ކަލޯވެސް ހުރީ ސަރުކާރުގެ ވަޒީރެއްގެ ގޮތުގައި އެކަމަކުވެސް އޭރު ޗުޕްވެސް ބުނެލަން ނުކެރުނު ކިތަންމެ ރުޅި އަންނަ މީހަކަސް އަދި ކިތަންމެ ދެރަމީހަކަސް މޮޅު މީހެއްކަމުގައި ވިޔަސް އިންސާފުން ބޭރުން ނުހައްގު އަދަބެއް ދެވިގެންދާ ހިނދު އެކަން ކުރަނީ އިންސާފުން ބޭރުންކަން އަދި ޒާތީ ގޮތުންކަން އެގޭއިރު ކޮންމެވެސް އެއްޗެއް ބުނަންވާނެ އަހަރުމެން ނޭދެން ކަލޯއަށްވެސް ގާނޫނުން ބޭރުން ނުހައްގު އަދަބެއް ލިބޭކަށް އެދުވަހު ކަންތައް ޗާޓުން ބޭރުން ކުރަންމުން ގޮންމުށުގެ ބާރު ދެއްކި ދުވަހު އެކަމަށް ތާއީދު ކުރި އިރު ކަލޯވެސް ހިޔެއް ނުކުރާނެ އެގޮތައް ކަލޯއަށްވެސް ކަންތައް ވެދާނެ ކަަމަށް މިއަދު މިއޮތީ އެތަން ކުރިމަތިން ފެންނަން ދެން އެވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތް

  3. Anonymous

    ކަލެޢަާއިގެން ދަުވާކުރެވޭނެ ެއްގޮތެއްވެސް ނޯންނާނެ ކޮއްފިއްޔާ ސަރުކަާރު ސޯޓުބެޭލޭނެ ސަ ދޫމު

  4. ހުސޭނުބޭ

    މަހޭ ބުނާހެން..... ޞަދަޤާތުގެ ގޮތުގައި ލިބޭ ތަކެއްޗާމެދު ދަޢުވާނުކުރެވޭނެ. ލޮލް

  5. އީވާ

    ސާބަހޭ ފޭކު ޑޮލަރު........

  6. އެފު ޕީ އައި ޑީ

    ދޮން ކަލޯ ހާސްވާނެ ކަމެއް ނެތް@ މި ވެރިކަން ނިމޭ އިރު ވެސް އެމްއެމްޕީއާރު ސީ ގެ މައްސަލަ އެއް ނުބަލާނެ@

  7. މާޑު

    ދަރިލައްވާ ލަވައެއް ކިޔުއްވާލާ.. ހާސްކަނޑާލާ. ކަލޭމެން ނޫނީ ތިބެނީ ވަގުން ވިއްޔާދޯ