ކޮވިޑް-19 އަށް ދިފާއު ވުމަށް އެސްޓްރާ ޒެނެކާގެ އުފެއްދުމެއްކަމުގައިވާ އެސްޓްރާ ޒެނަކާ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދީފިއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، މި ހުއްދަ ދީފައިވާނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށެވެ. އެގޮތުން އުމުރުން 18 އަހަރުން މަތީ މީހުންނަށް މި ވެކްސިން ޖެހުމަށް ވަނީ ހުއްދަ ދީފައެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ހަތްވަނަ ވެކްސިނެވެ.

އެމްއެފްޑީއޭއިން ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި
ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށް ފަހުއެވެ.

އަދި އެމްއެފްޑީއޭއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުގައި ކަަމަށް އެމްއެފްޑީއޭ އިން ވިދާޅުވިއެވެ.

މިވެކްސިންއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެމަޖެންސީ ޔޫސް ލިސްޓިން (އީޔޫއެލް) ގައި ހިމެނޭ އަދި މިހާތަނަށް 115 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ.

އޭގެ ތެރޭގައި ޔޫކޭ، ކެނެޑާ، މެލޭޝިއާ، ސްޕެއިން، ފްރާންސް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތައް ހިމެނެއެވެ.

މިވެކްސިން ބަހައްޓަންޖެހެނީ 20C - 8°C ގެ ފިނިހޫނުމިނެއްގައެވެ. އެހެންކަމުން އެމްއެފްޑީއޭއިން މިވެކްސިންއަށް ހުއްދަ ދީފައިވާނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެން ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

އެމްއެފްޑީއޭ އާއި ހެލްތް މިނިސްޓްރީ އާ އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިޔާލު

    ހުއްދަދީފާ އެތިބެނީ ގޭގަ ނިދަން
    ވެކްސީން ނެތަސް މިވެރިންނައް ހެޔޮ

    • މަމާ

      މާނަޔަކީ އެމީހަކަށް ހޯދުނު ގޮތަކުން ހޯދައިގެން ޖަހާޝޯ؟ ހިލޭ ލިބޭ ވެކްސިނެއް ބޭނުމެއް ނޫން އަގު ބޮޑުކޮށް ވިއްކަންޏާ ގަނެގެން ބޭނުންވަނީ ، ގަންނަން ފައިސާވެސް ދައްކާނެ ދައްކާ ތަނެއް ނޭންގެނީ ، ވެކްސިނެއް ނުވެއްލިބޭނެ ..ގަނެގެން ތިބީމަ ހުންނާނީ ވެކްސިންޖެހިފަ

  2. ސސ

    ވެ ކްސިނެއް އުފައްދައިފިއްޔާ ފުރަތަމަ ޓެސްޓު ކުރާނީ ދިވެހިން ގަޔަށް ޖަހައިގެން ދިވެހިން މީ ޓެސްޓު ލެބޯޓްރީ !