ކޮވިޑް19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ގދ. ތިނަދޫ ގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، ކޮންމެ ގެއަކަށް 2 ފާސް ދޫކުރަން ނިންމައި އެނޫން ބޭނުންތަކަށް ބޭރު ތެރޭގައި އުޅުން މަނާކޮށްފިއެވެ.

ތިނަދޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވަނީ މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ތިނަދޫ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި އެއްގެއިން އަނެއް ގެއަށް ނުދެވޭ ކަމަށާއި ކާފިއު ނޫން ވަގުތުތަކުގައި ވިޔަފާރީގެ ބޭނުންތަކަށް ގެބިސީތަކުގެ މީހުން ބޭރަށް ނިތުކުމުގައި ފުލުހުން ޕާމިޓް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން ކޮންމެ ގެއަކަށް ދެ ހުއްދަ ދޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

"ފާސް ބޭނުން ކުރެވޭނީ ހެނދުނު 8:00 އިން ފެށިގެން 12:00 އަށް އަދި 12:00 އިން 16:00 އަށް" އިއުލާނުގައި ބުނެފައިވެއެވެ.

މި ފާސް ދޫކުރެވޭނީ ކޮންމެ ގޭބިސީއެއްގެ ކަރަންޓް/ފެން މީޓަރަށް ބަލައިގެން އެއް ހަފްތާގެ މުއްދަތަކަށް ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

އިއުލާނުގައި ބުނެފައިވަނީ ތިނަދޫގެ އިދާރާތްތަކަށް ވަޒީފާއަށް ދާން ޖެހޭ ފަރާތްތަކުގެ މައުލޫމާތު އެރަށު އީއޯސީ/ ކައުންސިލަށް މެއިލް ކުރުމުން ހުއްދަ ދޭން ކަމަށާއި އެމެއިލްގައި މުވައްޒަފުގެ ނަން، އައިޑީކާޑު ނަންބަރުގެ އިތުރުން ޑިއުޓީއަށް ނިކުންނަ ގަޑި އާއި ނިމޭ ގަޑި ހިމަނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހަމަ އެކަނި ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށް ޑެލިވަރީގެ ހިދުމަތް ދިނުމަށާއި އެކަނި ކަސްރަތު ކުރާ ފަރާތްތަކަށް ފަތިހު 5:300 އިން ހެނދުނު 7:00 އަށް އެކަން ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ފިހާރަތަކާއި ހިދުމަތް ފޯރުކޮށްދިނުމަށް ހުއްދަދެވިފައިވާ ފަރާތްތަކުގެ ތެރެއިން އެޅިފައިވާ ގަވާއިދުތަކާއި ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތަކުން ފުރަތަމަ ފަހަރަށް ނަޞޭޙަތް ދިން ނަމަވެސް، ދެވަނަ ފަހަރު އެކަން ތަކުރާރު ވެއްޖެނަމަ، 2000/- ރުފިޔާ އިން ޖޫރިމަނާ ކުރުން ހިމެނެއެވެ. އަދި ތިންވަނަ ފަހަރަށް ޚިލާފް ވެއްޖެނަމަ، ވިޔަފާރި ހުއްދަ 24 ގަޑިއިރަށް ހިފެހެއްޓުން އަދި އިތުރަށް މިކަންތައް ތަކުރާރު ކުރެވިއްޖެއްނަމަ ކޮންމެ ފަހަރަކު ވިޔަފާރި ހުއްދަ 07 ދުވަހަށް ހިފަހައްޓާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މާލޭގަވެސް ތިޔަހެން މަގުތައް ތޮއްޖެހިފަ.

  2. ހުސެންދީ

    ގދ ތިނަދޫ ކައުންސިލްގެ ރައީސްއަށް ވަރަށް ސަލާމް

  3. އަފޭ

    މީގެ ކުރިންވެސް ތިގޮތައް ހެދިނަމަ ސަލާމަތް ވެވިއްޖެއްނޫން ލޯ ކަނު ކައުންސިލަރުން ގިނައީ ތާދޯ