ރާއްޖޭން ބޭރުގައި މި ވަގުތު ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުމެއް ބާއްވަން މާދަމާ މެންދުރު ފަހު 15:00އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ.

އަދި މި އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ. އަލީ ވަހީދުގެ ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ އަލީ ވަހީދަށް ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

އަލީ ވަހީދު ފުރައިގެން ދާން ފުރުސަތު ލިބޭނެ ގޮތް ވުމުން ޕީިޖީ އޮފީހަށާއި ކްރިމިނަލް ކޯޓަށާއި ސަރުކާރަށް ވެސް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.