ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އައްޔަން ކުރުމުގައި ކައުންސިލްތަކުގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ބިލް އަނބުރާ ނަގައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިޔާސަތުގައި އިންނެވި، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވި ގޮތުގައި ގެމަނަފުށި ދާއިރާގެ މެންބަރު އަހްމަދު ސައީދު ހުށަހެޅުއްވި އެ ދެ ބިލް އެ މެންބަރު އަނބުރާ ގެންދަވާފައިވަނީ އިއްޔެއެވެ.

ސައީދު ހުށަހެޅުއްވި ދެ ބިލަކީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ. ދެ ބިލަށް ހުށަހެޅި އިސްލާހަކީ ވެސް ކައުންސިލްތަކުގެ ލަފާ ނެތި ސިވިލް ސާވިސް ކޮމިޝަނުން ކައުންސިލްތަކަށް އެސްޖީ އައްޔަން ކުރުމަށެވެ.

އެމްޑީޕީގެ މެންބަރަކު ހުށަހެޅުއްވި ދެ ބިލަކަށް ވިޔަސް، އެ ބިލުގައިވާ އިސްލާހަށް ސަރުކާރުން ތާއީދު ނުކުރާ ކަން ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ވެސް އެ ދެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވިއެވެ.

ކައުންސިލްތަކުގެ އިސް މުވައްޒަފުގެ ގޮތުގައި އައްޔަން ކުރެވޭ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރާނީ ކައުންސިލްގެ ލަފައާއެކު ކަމުގެ އިސްލާހު ގާނޫނަށް ގެނައީ ވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްގެން ކައުންސިލްތަކުގެ ޒިންމާދާރުވެރިޔާއަށް ސަރުކާރުން ބޭނުން ބަޔަކު ލެވޭ ގޮތަށް ހެދުމުން އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔާފައި ވެސް ވެއެވެ.