އަމިއްލަ ދަތުރެެއްގައި ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އަނބުރާ ރާއްޖެ ވަޑައިގެން، ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއަރީގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފިއެވެ.

އެމެރިކާގެ ނިއުޔޯކަށް އަމިއްލަ ދަތުރެއްގައި އަނދުން ހުސައިން ވަޑައިގަތުމުން، 241 ކޮމިޓީގައި އޭނާގެ ބަދަލުގައި ބައިވެރިވެވަޑައިގަތީ މާފަންނު އުތުރު ދާއިރާޣެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. އެއަށް ފަހު ކޮމިޓީގެ އިންކުއަރީގައި އިންތި މަސައްކަތް ކުރެއްވިއެވެ.

އެނގިފައިވާ ގޮތުން އަނދުން ރާއްޖެ ވަޑައިގަތުމުން އިންތިގެ ބަދަލުގައި އަނެއްކާ ވެސް އޭނައަށް ވަނީ ކޮމިޓީން ފުރުސަތު ދެއްވައިފައެވެ. އެ ގޮތަށް ފުރުސަތު ދެވެނީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން، ކޮމިޓީގައި އެމްޑީޕީއަށް ލިބޭ ޖާގައިންނެވެ.

އެހެންވިޔަސް އަދި އަނދުން ހުސައިން ހުންނެވީ ކަރަންޓީނުގައި ކަމަށް އެނގިފައިވެއެވެ. ކަރަންޓީނުގެ މުއްދަތު ހަމަވުމަށް ފަހު ވަރަށް އަވަހަށް ކޮމިޓީގެ މަސައްކަތުގައި އަނދުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެއެވެ.

241 ކޮމިޓީގެ އިންކުއަރީ ގެންދަނީ ސިއްރުކޮށްގެންނެވެ. އަދި އެ އިންކުއަރީގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކި ފަރާތްތަށް ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ދަނީ އެއްކުރަމުންނެވެ.

މިއަދުގެ ހެނދުނު ވަގުތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ސިފައިންގެ ޗީފްއާއި ވައިސް ޗީފްއާއި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސް ސިފައިންނާއި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ އިސް ކޮމާންޑަރުންނާއި، ކްލޯސް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސް ކޮމާންޑަރުންގެ އިތުރުން ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި ޑްރައިވަރުން ވެސްް ހާޒިރުކޮށްފައިވެއެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި، ފުލުހުންގެ ތަހުގީގުގެ އިސް އޮފިސަރު އަދި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވެސް ހާޒިރުކޮށްފައިވެއެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރު އަހްމަދު އީމާދުއާއި، ފިނޭންސް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔާ ވެސް އިންކުއަރީއަށް ހާޒިރުކޮށްފައިވާއިރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ހާޒިރުކޮށްފައިވެއެވެ.

މި މައްސަލައަށް ފަހު، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި، އެމްޑީޕީގެ އެތެރޭގެ މަސްރަހު ވެސް ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަންޑު ދިން މީހުން ހޯދުން ވެސް ލަސްވެ އެމަނިކުފާނުގެ ސަޕޯޓަރުންނާއި އަރިސް މެންބަރުން ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.