މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވާދަކުރައްވަން ނިންމަވައިފިއެވެ.

އެމްޑީޕީގެ ކައުންސިލަރު ޒަމީރުގެ އިތުރުން ޑެޕިއުޓީ މޭޔަރު ކަމަށް ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝްއެވެ.

ޒަމީރު "ވަގުތު" އަށް ވިދާޅުވީ، އޭނާ ކުރިމަތިލައްވަން ނިންމެވީ އެމްޑީޕީގައި މަޝްވަރާކޮށް އެ ކަމުގައި ޕާޓީގެ ކައުންސިލަރުންގެ މެދުގައި ގޮތެއް ނިންމަވައިގެން ނޫން ކަމަށެވެ.

"އަޅުގަނޑު ޝައުގުވެރިކަން ހުރި ކަމަކަށް ވާތީ މި ކުރިމަތިލަނީ، ޕާޓީގައި މި ކަމުގެ މަޝްވަރާއެއް ނުކުރޭ،" ޒަމީރު ވިދާޅުވިއެވެ.

ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް އިތުރު ބޭފުޅަކު ކުރިމަތިލެއްވި ކަމެއް ސާފެއް ނޫނެވެ.

ޕީޕީއެމްގެ ފަރާތުން ޑެޕިއުޓީ މޭޔަރު ކަމަށް ގެންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް ޓަކައި، އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ތިން ކައުންސިލަރަކު އެ މާގަމަށް ކުރިމަތިލެއްވިއެވެ.

އެއީ ނަރީޝްގެ އިތުރުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއެވެ. ބެލެވޭ ގޮތުގައި ޕީޕީއެމްގެ ކައުންސިލަރުން ދެން ވޯޓު ދޭނީ ނަރީޝްއަށެވެ.

ނަރީޝްގެ ނަން ފާސްވީ ޕީޕީއެމްގެ 13 ކައުންސިލަރުންގެ ތެރެއިން ފަސް ކައުންސިލަރުންގެ ވޯޓުންނެވެ. ޝުޖާއަށް ހަތަރު ކައުންސިލަރުންގެ ވޯޓު ލިބިވަޑައިގެންނެވިއިރު، ނަހުލާއަށް ވެސް ލިބިވަޑައިގަތީ ހަތަރު ކައުންސިލަރުންގެ ވޯޓެވެ.

މިއީ މާލެ ސިޓީ ކައުންސިލްގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް ފުރަތަމަ ފަހަރެވެ. މާލޭގެ ރައްޔިތުންގެ ސީދާ ވޯޓަކުން ފުރަތަމަ ފަހަރަށް މޭޔަރަކު އިންތިޚާބު ކުރިއިރު، މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރަކީ ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީމޫސާ

    ގަދަ. ކަލޭ ހޮވޭނެ. ހޮވޭނެ.

    1
    2
  2. ޓ

    ޒަ މީރަކީ ވަރަށް ކަރަޕްޓް މީހެއް....މާރުކޭޓް މީހުންނަށް ހަގީގަތް އެނގޭނެ

    3
    1
    • ތެދު

      ލާދީނީ ބިލާ ދެކޮޅައް ސޮއަކޮއްލަން ނުކެރުނުމީހަކު ޑިޕުޓީ މޭޔަރުކަމަކައްނޫން ތިތަނުންބޭރުކުރައްވީ.