ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް 19 މިލިއަން ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އެ އަދަދު ހަތަރު މިލިއަނަށް ހައި ކޯޓުން ކުޑަ ކުރި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިންމާލައިފިއެވެ.

އާމިރަށް 19 މިލިއަން ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ 2008 ވަނަ އަހަރުއެވެ. އެއީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އާމިރު ދެ ސްޓޫޑިއޯއަކުން ޑީއާރުޕީއަށް ފޯރުކޮށްދިން ޚިދުމަތްތަކުގެ ފައިސާ ނުދެއްކުމުން އެ ފައިސާއާއި އޭގެ ޖޫރިމަނާ ހޯދަން އާމިރު ދައުވާ ކުރެއްވުމުންނެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން 2015 ގައި ހުކުމްކުރީ ފޯރުކޮށްދިން ޚިދުމަތްތަކުގެ އަގަށްވާ ހަތަރު މިލިއަން ރުފިޔާއާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 15 މިލިއަން ދެއްކުމަށެވެ.

އެ މައްސަލަ ޑީއާރުޕީގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމްގައި ވަނީ އާމިރުގެ ސްޓޫޑިއޯއިން ފޯރުކޮށްދިން ޚިދުމަތްތަކުގެ އަގަށްވާ ހަތަރު މިލިއަން ރުފިޔާ އެކަނި ޑީއާރުޕީން ދެއްކުމަށެވެ.

ހައި ކޯޓުގެ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ 2019 ވަނަ އަހަރުއެވެ.

މިއަދުގެ އަޑުއެހުމުގައި އާމިރުގެ ވަކީލު، ޝާހް އަލީ ވިދާޅުވީ މި މައްސަލަ އިސްތިއުނާފް ކޮށްފައި ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ނޫން ކަމަށެވެ. އަދި ޑީއާރުޕީއަށް ފޯރުކޮށްދިން ޚިދުމަތްތަކުގެ އަގަށްވާ ފައިސާ ހޯދުމަށާއި، ޖޫރިމަނާގެ ފައިސާ ހޯދުމަށް ކަމަށެވެ.

ވަކީލް ފާހަގަކުރައްވާ ގޮތުން ޑީއާރުޕީއަށް ފޯރުކޮށްދިން މި ހިދުމަތްތަކަށްވާ ފައިސާގެ އިންވޮއިސްތައް އެ ޕާޓީއަށް ފޮނުވާފައިވެއެވެ. އަދި އެ ފައިސާ ނުލިބި އެތައް ދުވަހެއް ވުމުން އެ ވިޔަފާރީ ބަނގުރޫޓްވެ، އެތަނުގައި މަސައްކަތްކުރި މުވައްޒަފުންނަށް ބޮޑެތި ގެއްލުންތަކެއް ވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ވިޔަފާރީ ހަމައަކަށް އެޅުވުމަށް އެކި މީހުންގެ އަތުން ލާރި ނަގައިގެން އާމިރު ކުރި މައްސަކަތް ވެސް ނާކާމިޔާބުވެ އެންމެ ފަހުން އޭނާއަށް ވެސް ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ވަކީލުން ފާހަގަކުރައްވައެވެ.. އެހެންކަމުން އެ ގެއްލުމުގެ ޖޫރިމަނާއާއި ބަދަލު ދޭން ޖެހޭނެ ކަމުގައި އޭނާ ދެކެއެވެ.

ޑީއާރުޕީގެ ވަކީލް އަހްމަދު ޝަފީގްއަށް ފުރުސަތު އެރުވުމުން ވިދާޅުވީ ބައެއް އިންވޮއިސްތައް ލިބިފައި ނުވާ ކަމަށެވެ. އަދި އިންވޮއިސްތައް ހެއްކެއްގެ ގޮތުގައި ހުށަހެޅުމަކީ ފައިސާ ދޭން ޖެހޭނެ ސަބަބެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުން އާމިރު ޑީއާރުޕީއަށް ދިން އެއްވެސް ހިދުމަތެއް މިހާތަނަށް އެއްވެސް ކޯޓަކު ސާބިތުކޮށްދެވިފައެއް ނުވެއެވެ.

"އިންވޮއިސްއެއް އޭގެ ޒާތުގައި ހުށަހެޅުމަކީ ފައިސާ ދޭން ޖެހޭނެ ސަބަބެއް ނޫން. އަދި އޭގެ ޒާތުގައި އިންވޮއިސްއެއް ހުށަހަޅައިފި އޭ ބުނުމަކީވެސް އެ ރައްދުނުވާ ކަމުގައި ވަނީނަމަ ރައްދުވާ ފަރާތުން އެޔަށް ޖަވާބު ދޭން ޖެހޭނެ ކަމެއްވެސް ނޫން" ޑީއާރުޕީގެ ވަކީލް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

ވަކީލް ޝަފީގް ވިދާޅުވީ މިއަދުގެ އަޑުއެހުމަށް އޭނާއަށް އާދެވުނީ ތައްޔާރު ނުވެ ކަމަށެވެ. އަދި ގަޒިއްޔާތައް ބަލާލުމަށް އިތުރު ވަގުތު ދެއްވުމަށް ވިދާޅުވެ، އޭނާ ވަނީ އެހެން ދުވަހަކު އިތުރު އަޑުއެހުމެއް ބޭއްވުމަށް ފަނޑިޔާރުންގެ އަރިހުން އެދިފައެވެ.

މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

މަައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ފަނޑިޔާރު މަހާޒް އަލީ ޒަހިރު ވިދާޅުވީ އިސްތިއުނާފް ރައްދުވާ ފަރާތުގެ ވާހަކަތައް ހުރީ އެ މައްސަލާގައި އާމިރުގެ ވިޔަފާރީއަކުން ޑީއާރުޕީއަށް ހިދުމަތް ނުދޭ މޭރުމަކުން ކަމަށެވެ.

ޑީއާރުޕީގެ ވަކީލް އިތުރުފުރުސަތަކަށް އެދިވަޑައިގަތް ނަމަވެސް މިއަދުގެ އަޑުއެހުމާއި އެކު ފަނޑިޔާރު ވަނީ މި މައްސަލާގެ އަޑުއެހުންތައް ނިންމާލާފައެވެ. ފަނޑިޔާރު މަހާޒް ވިދާޅުވީ މި މައްސަލާގައި ހުކުމްކުރުމުގެ މަޖިލީސް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަަަަަަަަަައަބުދު

    މި ލަދުކުޑަ ޚިޔާނާތްތެރި ކުޑަކަމެއްކޮއްފަ ޖުރުމަނާގެ ނަމުގަ ގައުމު ލޫޓުވާ މީހުންނައް އިއްޒަތްތެރި މެމްބަރު ކިއުންމީ ހާދަހާ ބޮޑު ގަމާރު ހަރާމްްކޯރު ކަމަކައެވާނީ އަބުރުވެރި މާޒީއެއް ނެތް މީހަކު ކަމުގަ ވާނަމަ އިއްޒަތްތެރި ނުކިޔަމާ ހިނގާ!!!!!!!!!!!! މިމީހުންނައް މިއުޅެވޭ ހަޑި މުޑުދާރު ގޮތުގެ ބަދަލު މިމީހުންނައް ލިބެންޖެހޭ.