މާލެ އިން ބޯޓެއްގައި ށ. ކަނޑިތީމަށް އައި މީހަކު ކަރަންޓީނުވެފައި ނުވާ ކަމަށް ބުނެ އާއްމުން ނުރުހުން ފާޅުކުރުމުން، އެ މީހާ އާއި ދިރިއުޅޭ ގެ ކަރަންޓީނުކޮށްފިއެވެ.

ރޭގެ ވަގުތެއްގައި ކައުންސިލް ކައިރިއަށް އެއްވެ އެ ރަށުގެ ބަަޔަކު ވަނީ ކަރަންޓީނު އުސޫލާއި ހިލާފަށް މާލެއިން އަންނަ މީހުން ސުންކުގެ ނަތީޖާ ނުލިބެނީސް ގެއަށް ދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެެވެ.

ކަރަންޓީނު ނުވެ ގެއަށް ދިޔައީ އެ ރަށަށް ނިސްބަތްވާ ފިރިހެނެކެވެ. އެ މީހާގެ ގެ ކަރަންޓީނުކޮށްފައި ވަނީ އެ މީހާގެ ސުންކުގެ ނަތީޖާ ލިބެންދެނެވެ.

އެ ރަށު މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ އެ އެއްވުން ނިންމާލީ އުސޫލުތަކަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ކައުންސިލުން ދިނުމުން ކަމަށެވެ. އެ ރަށުގެ ރައްޔިތުންތަކެއް ނުކުމެ ނުރުހުން ފާޅުކުރަން ފެށީ މާލެ އިން އައި ފިރިހެނަކު ކަރަންޓީން އުސޫލާ ހިލާފުވެފައިވާތީއެވެ. އެ މައްސަލައިގައި އެ ރަށު ބަޔަކު ވަނީ ކައުންސިލް އިދާރާ ކައިރި އަށް އެއްވެ އަޑު އުފުލާފައެވެ.

މިކަމާ ގުޅިގެން ކައުންސިލް ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ.

ކަނޑިތީމުން މިހާތަނަށް 128 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ. މޮނިޓަރިންގެ ހާލަތުގައި އޮތުމަށްފަހު ކަނޑިތީމު މޮނިޓަރިން ހާލަތުން ނަގާފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ. އެހެންކަމުން އެއްވި މީހުން އަޑު އުފުލީ އުސޫލުތަކަށް ތަބާނުވެ ތިއްބާ އަލުން ރަށް މޮނިޓަރިން އަށް ލާން ޖެހި ބަލި ފެތުރިދާނެކަމުގެ ބިރު އޮތުމުން ކަމަށް އެ ރަށުން މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.

"ސާމްޕަލް ރިޒަލްޓްސް ނުލިބެނީސް މީހުން ބޯޓުން ފައިބާ އެހެން ހަދާތީ. ކައުންސިލުން ނިންމި ނިންމުން ތަންފީޒުކުރަން އަސްލު ބާރު އަޅަން ދިޔައީ." އޭނާ ބުންޏެވެ.

މީގެ ކުރިން ވެސް އެ ރަށުގައި ވަނީ ބޭރުން އަންނަ އުޅަނދުތަކުގައި ތިބޭ މީހުން އަމަލު ކުރާނެ އުސޫލެއް އެލްޖީއޭ އާއި ކަމާ ގުޅޭ އިދާރާތަކުގެ އިރުޝާދާއެކު އެކުލަވާލައިފައެވެ.

މިހާރު އާއްމުކޮށްފައިވާ އެ އިއުލާނުގައިވާ ގޮތުން ރަށަށް ގޮސް ފީސީއާރު ޓެސްޓު ހަދައި، ޓެސްޓުގެ ނަތީޖާ ލިބެންދެން އުޅަނދުގެ ހުރިހާ ފަޅުވެރިން އުޅަނދުގައި ނުވަތަ ގޭގައި މަޑު ކުރަން ޖެހޭނެއެވެ. އަދި ޕީސީއާރު ގެ ނަތީޖާ ފައްސިވެއްޖެ ނަމަ، އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ކަރަންޓީނު ވާން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

އެ ރަށު މީހަކު ބުނީ އާއްމުން އެއްވުން ނިންމާލީ އެ އުސޫލަށް ތަބާވާތޯ އިތުރަށް ބަލާ އުސޫލުތައް ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ކައުންސިލުން ދިނުމުން ކަމަށެވެ.

"ފަހުން އެ މީހުންނާ ވާހަަކަ ދެކެވި ކައުންސިލުން ޔަގީންކަން ދިނީ އުސޫލުތަކަށް އަމަލުކުރާނެކަން. ދެން ފުލުހުންނާއެކު ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ދިނީ. އެއީ އެ މީހުން ކުރިންވެސް ތިބެން ޖެހޭނީ ކަރަންޓީނުގައިތާ. " އޭނާ ބުންޏެވެ.

އެ ރަށް މޮނިޓަރިން އިން ނަގާފައި ވަނީ އެ ރަށުން އެންމެ ފަހުން އެ ރަށުގައި ވަކި ތަރުތީބެއް ނެތި 130 އަށް ވުރެ ގިނަ ސުންކު ނައްސިވުމުންނެވެ. އަދި މިހާރު ކަނޑިތީމުގައި ކޮވިޑްބައްޔަށް ފައްސިވި މީހުންގެ ތެރެއިން ރަނގަޅު ނުވެ ހުރީ އެންމެ މީހެކެވެ.