ސަރުކާރަށް ފާޑު ކިޔައިގެން އެމްޕީއެލްގެ ވަޒީފާއިން ވަކި ކުރި އިސްމާއީލް ރަޝީދު (އިއްސެ)ގެ ވަޒީފާ އަލުން އިއާދަ ކުރުމަށް ފޭދޫ މާދެލެ ދާއިރާގެ ކައުންސިލަރ މުހައްމަދު ފައިސަލް ގޮވާލައިފިއެވެ.

އެމްޕީއެލްގެ ދަށުން އައްޑޫގައި ހިންގަމުން އަންނަ އެސްޓީއެލްގެ ސުޕަވައިޒަރެއްގެ މަގާމު ފުރުއްވަމުން އަންނަ އިއްސެ ވަޒީފާއިން ވަކި ކޮށްފައިވަނީ އެތަނުގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ފައިސަލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މި ވަގުތު އައްޑުގެ އެއްވެސް ރައްޔިތަކު ވަޒީފާއިން ވަކި ކުރުމަކީ އެ ރައްޔިތަކާ އެ އާއިލާއެއް ބިކަ ކޮށްލުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި މުވަޒަފަކުގެ ވަޒީފާ އަލުން ދިނުމަށް ފައިސަލް ވަނީ ގޮވާލާފައެވެ.

"ހިތަދޫ އިސްމާއީލް ރަޝީދު ސަދަން ޓްރާންސްޕޯޓް ލިންކްގެ ވަޒީފާއިން ވަކި ކުރުން އަލުން މުރާޖާކޮށް އެ ވަޒީފާ އިޔާދަ ކުރުމަށް ގޮވާލަން" ފައިސަލް ވިދާޅުވިއެވެ.

އިއްސެ ވަޒީފާއިން ވަކި ކުރުން ފައިސަލްގެ އިތުރުން އައްޑޫސިޓީގެ މޭޔަރު އަދި އައްޑޫ ހިތަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވާފައިވާ، އަލީ ނިޒާރު ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ.

އެގޮތުން ނިޒާރު ވިދާޅުވީ، މި ދަތި އުނދަގޫ ވަގުތުގައި، އައްޑޫގެ އެއްވެސް މުވައްސަސާއަކުން އެއްވެސް މުވައްޒަފަކު ވަކި ކުރުމަކި ރުހެވޭނެ ކަމެއް ނޫން ކަމަށެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން، ރައީސް ސޯލިހް ވެރިކަމަށް ވަޑައިގަތީ، ރައްޔިތުންގެ ދޫތައް ބަންދު ނުކުރާނެ ކަމުގެ ވައުދާއި އެކު ކަމަށާއި، އަދި ރައީސް ވެރިކަމަށް ގެނައީ މިފަދަ ދުވަސްތަކެއް ދެކެން ނޫން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.