ކޮވިޑް-19 ގެ ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް އަވަސް ފަރުވާ ދިނުމުގައި ސިއްޚީ ޚިދުމަތެއް ބޭނުން ޖެހިފައިވާ ފަރާތަކަށް އެެ ޚިދުމަތް ދިނުމުގައި ޑޮކްޓަރުންގެ ޒިންމާ ނަގާފައި ނުވާ ކަމަށާއި އޭގައި ޑޮކްޓަރަށް ފިޔަވަޅު އަޅާނީ މެޑިކަލް ކައުންސިލުން ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އެ ކަމުގައި ޑީއެމްއާރުޓީގެ ޑޮކްޓަރުން ޒިންމާ ނަގާފައި ނުވާ ކަން ހެލްތު މިނިސްޓްރީން އެކުލަވާލި ރިޕޯޓްގައިވާ ކަމަށެވެ.

"އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރު ކުއްޖާގެ ހާލަތު އެންމެ ރަނގަޅަށް ބެލެވިފައެއް ނުވޭ، ހުރިހާ މަރުހަލާއެއްގައި ލަސްވެފައިވޭ،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ކޮމިޓީގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީ) އިން ބައިވެރިވިއިރު، އެ ކޮޮމިޝަންގެ މެންބަރުން ވެސް ފާހަގަކުރެއްވީ ރިޕޯޓްގައި ފިޔަވަޅު އަޅާނެ ބަޔަކާއި އަޅާނެ ފިޔަވަޅު ސާފުވާން ނެތް ކަން ފާހަގަކުރައްވައިފައެވެ. ކޮމިޓީގެ މެންބަރުން ވެސް އެ ކަން ގެންދެވީ ފާހަގަ ކުރައްވަމުންނެވެ.

މި ކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ މުވައްޒަފުންނަށް ފިޔަވަޅު އަޅާނީ އެ ސެންޓަރުން ކަމަށެވެ. މި ގޮތުން ކޯލް ސެންޓަރުގެ މުވައްޒަފުންނަކީ އެ ސެންޓަރުންގެ މުވައްޒަފުން ކަން ފާހަގަކުރެއްވިއެވެ.

އަދި ޑޮކްޓަރެއް ނަމަ ފިޔަވަޅު އަޅާނީ މެޑިކަލް ކައުންސިލުން ކަމަށެވެ. އަދި އެހެން ކައުންސިލެއްގެ ދަށުން ރެގިއުލޭޓް ކުރާ މުވައްޒަފެއް ނަމަ، އެ ކައުންސިލަކުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ހެލްތު މިނިސްޓްރީން ހިންގި ތަހުގީގަށް ފަހު ފާހަގަކުރެވުނު އެއް ކަމަކީ މުޅި ނިޒާމުގައި ހުރި މައްސަލަތައް ކަމަށެވެ. އެ މައްސަލަތައް އިސްލާހު ކުރުމަށް ވަގުތު ނަގާނެ ކަމަށާއި އެމްބިއުލާންސްއާއި އިތުރު ވަސީލަތްތައް ގެނެސްގެން އެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުރަފާ

    މިނިސްޓަރަށް ފިޔަވަޅު އަޅާނީ ވަޒީރު. އިނގިއްޖެތަ؟

  2. ޕިއްޒާހަޓް

    މުއައްޒަފު ނޫނޭ. ޜައްޔިތުން ބޭނުންވަނީ ކަލެއަށް ފިޔަވަޅު އަޅަން. ޢިސްތިއުފާދީ

  3. މަރިޔަމް

    އެޗްއީއޯސީ ގެ ބޮޑުމީހާ އަށް ފިޔަވަޅު އަޅާނީ އެމީހާ. މީދެން ބޮޑު ޖޯޖެއްތަ؟