ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 400،000 އަކަފޫޓްގެ ބިމެއް އިތުރު ކުރުމާއި ދެކޮޅަށް އާއްމުން އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 400،000 އަކަފޫޓްގެ ބިމެއް އިތުރުކޮށްދޭން ނިންމާ އެ ރަށު ކައުންސިލުގެ މާދަމާގެ އެޖެންޑާގައި އެކަން ވަނީ ހިމަނައިފައެވެ.

ސަރުކާރުން ކައުންސިލުގައި އެދިފައިވަނީ އެއާޕޯޓް ތަރައްގީ ކުރަން މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރުމަށެވެ. އެކަމާއި ދެކޮޅަށް ހަނިމާދޫގައި ވަނީ ވަރުގަދަ ކެންޕެއިނެއް ފަށާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު އެއެއްވުން ބާއްވަނީ މާދަމާގެ ވަގުތެއްގައި ކަމަށާއި އެކަން ކުރަނީ ކޮވިޑް-19ގެ ހާލަތެއް ކަމުން ގައިދުރުކަން އިސްކޮށްގެން ރައްކާތެރި ކަމާއި އެކު ކަމަށެވެ.

އެއްވުން ބާއްވަން ނިންމާފައިވަނީ ހަނިމާދޫ ކައުންސިލް އިދާރާ ކުރިމަތީގައެވެ.

އޭނާ ބުނީ، އެއްވުން ބާއްވަނީ އެއްވެސް ގޮތަކަށް މުޒާހަރާ ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި އެ އެއްވުމަކީ އެއީ ކައުންސިލުން ނިންމާ ނިންމުން ރައްޔިތުންނަށް އެނގެން ބޭނުންވާތީ އާއި އެވަރުގެ ބޮޑު ބިމެއް ދިނުމަށް ރައްޔިތުން އެކަމާއި ދެކޮޅުވާތީ ކަމަށެވެ.

ހަނިމާދޫ ފަޅަކީ ބޮޑު ފަޅަކަށްވާތީ އެއާޕޯޓް ތަރައްގީ ކުރުމަށް ރަށުގެ މީހުން ދިރިއުޅޭ ބިމުން ބައެއް ދިނުމަކީ ރައްޔިތުން ހިތާމަކުރާ އަދި ދެކޮޅު ހަދާ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބިމުގެ މައްސަލާގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސާއްބަ ޖަމިއްޔާ އަދި ކެތިއަރާ ކުލަބުގެ ފަރާތުން ރައީސް ސޯލިހަށް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ. އަދި ގިނަ ބަޔަކު އަންނަނީ އެކަމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސީނާ

    ހަށީގައި ހޭ ހުރިހާ ހިނދަކު އިންޑިޔާ މީހުންނަށް އެންމެ ތަންފުކެއްވެސް ނުދޭތި.

  2. ބިން ޢަލީ

    އަޅަމެންގެ މައްޗަށް ވެރިކަންކުރަން މިގެންވުނީ އަމިއްލަ އެދުމުން ފިރިފައިވާ ކޮންފަދަ ބައެއް ޔާﷲ މި ޣައްދާރު ބައިގަނޑުގެ ކިބައިން އަޅަމެންނާއި އަޅަމެންގެ ދިވެހިރާއްޖެ ސަލާމަތް ކޮށްދެންވާންދޭ! ހުރިހާ ރައްޔިތުން މުސްލިމުންގެ ހަތިޔާރު (ދުޢާގެ) ބޭނުން ފުރިހަމައަށް ހިފުން އެދެން

  3. ވިސްނާލުމަށް އެދެމޭ

    ﷲ އަކުބަރު.....މާޝާﷲ....