ރަހީނު ކުރުމަށް ފަހު 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފިއެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ކުއްލި ބައްދަލުވުން ތާވަލުކޮށްފައި ވަނީ މެންދުރު 12:00 އަށެވެ.

ކޮމިޓީ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ، އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނު ކުރުމަށް ފަހު މަރާލާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

އެ ކުއްޖާ ގެއްލިގެން ރިޕޯޓް ކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގައެވެ. އެ ކުއްޖާ ހޯދަން ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ފެނުނީ ރޭ މެންދަމު 2:30 ގައެވެ. އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ދިމާލުން މޫދުން ފޮށްޓެއްގައި އޮއްވައެވެ. އޭރު އެ ކުއްޖާ އޮތީ މަރުވެފައެވެ.

އެ ކުއްޖައާކީ ދެކުނުގެ އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން އަދިވެސް އަންނަނީ ހަރަކާތްތެރިވަމުންދާއިރު، އެ ކުއްޖާ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ. ޖަނާޒާގެ ކަންކަން އޮތް އިރެއް އަދި ނޭނގެއެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުން ހައްޔަރު ކުރީ މާލެއިންނެވެ. މި ދެ މީހުނަކީ ވެސް އެ ކުއްޖާގެ އެކުވެރިން ކަމަށްވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ދަނީ މައްސަލައިގެ ތަހުގީގު ހިނގާ ނުހިނގާ ގޮތް ގާތުން ބަލަމުންނެވެ.