އާންމު ތަނެއްގައި މީހަކު އިސްލާމް ދީނާ ހިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާމިކް މިނިސްޓްރީން ހިޔާލު ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލް ހުށައެޅި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ.

ބިލުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން، ދީނަށްފުށުއަރާ އެއްވެސް ކަމެއް އޮތްއޯ ބަލައި ދިނުމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ފަތުވާ މަޖިލީހަށް ހުށައެޅިއެވެ. އެ މަޖިލީހުން އިއްތިފާގުވީ ބިލުގައި ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި އިސްލާމްދީނަށް ފުށުއަރާ ކަންތައްތަކެއް ހުރިކަމަށެވެ.

އެ ނިންމުމުގެ މައްޗަށް ބިނާކޮށް އަދި މަޖިލީހުންވެސް ލަފާއަކަށް އެދިފައިވާތީ މިނިސްޓްރީން ވަނީ ފޮނުވި ލަފާ މިއަދު އާއްމުކޮށްފައެވެ. މިނިސްޓްރީގެ ރައުޔު ބިނާކޮށްފައިވާނީ މައިގަނޑު ތިންކަމެއްގެ މައްޗަށް ރިއާޔަތް ކޮށެވެ.

އެއީ އިސްލާމް ދީނުގެ ނަމުގައި މީހުންގެ އަބުރާއި މުދަލާއި ފުރާނަޔަށް ގެއްލުންލިބުމަށް މަގުފަހިވާފަދަ ކުށްތައް މަނާކުރުމާއި، ދީނުގެ ދައުވަތު ފެތުރުމާއި ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ވާޖިބަށް ހުރަސްއެޅިދާ ފަދަ މާއްދާތައް އިސްލާހު ކުރުން އަދި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ބިލުގައި ހިމެނުމުގެ މައްޗަށެވެ.

މިނިސްޓްރީގެ ލަފާގައިވާ ގޮތުން ދީނަށް ފުރައްސާރަކޮށް ދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އިތުރުވަމުންދާ ދުވަސްވަރެއްގައި ނަފުރަތުގެ ކުށް ބަޔާންކޮށް ގާނޫނެއް ވުޖޫދު ކުރެވޭހިނދު ދީނާ ދެކޮޅަށް ހިންގޭ ނަފުރަތުގެ އަމަލުތައް އެ ގާނޫނުގައި ހިމެނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

އަދި އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާހިނދު އެކަމާދެކޮޅަށް މުސްލިމުންނާއި އައިރު މުސްލިމުންވެސް ހިމެނޭ ގޮތަށް ހިންގާ ސުލްޙަވެރި ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ގޮތުންވެސް ބަލައިގަނެވޭ ކަންކަން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެފަދަކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި މާނަ ކުރެވިދާނެތީ އެފަދަ ބައެއް ލަފުޒުތަކަށް ވެސް ރިޔާއަތް ކޮށްފައިވާނެ ކަމަށް މިނިސްޓްރީގެ ލަފާގައިވެއެވެ.

އެ ބިލަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ބިލެއް ވެސް މަޖިލީހަށް ހުށަހެޅިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ވެސް ހުށަހެޅުއްވީ ހިސާނެވެ.