ރަހީނުކުރުމަށް ފަަހު މަރާލަފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މީގެ ކުރިން ވެސް ގެއްލުނު ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އެ ކުއްޖާގެ އާއިލާގެ މީހަކު "ވަގުުތު" އަށް މައުލޫމާތު ދެމުން ބުނީ އޭނާ މީގެ ކުރިން ވެސް ގެއްލުނު ކަމަށާއި އެފަހަރު އޭނާ ފެނިފައި ވަނީ ވެސް އޭނާ ހޯދަން ގިނަ މަސައްކަތްތަކެއް ކުރި ފަހުން ކަމަށެވެ. އެފަހަރު އޭނާ ފެނުނީ ދެތިން ދުވަސް ފަހުން ކަމަށް ވެސް އެ މީހާ ވަނީ ބުނެފައެވެ.

އޭނާ ފެނުނީ ފުލުހުންގެ އެހީތެރިކަމާއި އެކުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ކުއްޖާ ގެއްލުނީ ކޮން އިރަކު ކަން ސާފުކޮށް ބުނެދޭކަށް އާއިލާގެ މެމްބަރަކަށް ނޭނގެއެވެ.

މި މައްސަލަ އާއި މެދު ވަކި އެއްޗެއް ހާމަކުރަން ފުލުހުން ވަނީ ދެކޮޅުހަދާފައެވެ.

ހުޅުމާލޭ މޫދުގައި ޒަހަމްތަކަކާ އެކު މަރާލާފައި އޮއްވައި ފެނުނު ކުޑަ ކުއްޖާގެ މަރުގެ މައްސަލާގައި މިހާތަނަށް އައި އިރު ވަނީ ދެ މީހަކު ހައްޔަަރުކޮށްފައެވެ. އެ ދެ މީހުންނަކީ ވެސް ދިވެހިންނެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން ފިލާ ތިބީ ހެންވޭރު ދުނބުރިމަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއެއްގަ އެވެ. އެކަމަކު އެތަން ކުއްޔަށް ނެގީ މި މައްސަލައިގައި ހައްޔަރު ކުރި މީހެއްގެ ނަމުގައެއް ނޫނެވެ.

ރަހީނުކުރި އެ ކުއްޖާ ގެއްލިގެން ހޯދަން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބަޔަކު 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ މައްސަލައެއް 20 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުއްޖާ ފެނިފައި ވަނީ އެ މައްސަލަ އާއި ގުޅިގެން ކުއްޖާ ހޯދުމަށް ކުރި މަސައްކަތުން، އެ ކުއްޖާ މަރާލާފައި އޮއްވާ ރޭ މެންދަމު 2:30ގެ ވަގުތެއްގައެވެ.