ހުޅުމާލެ މޫދުގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ ދިރިއުޅުމާ ގުޅޭ ޒާތީ މައުލޫމާތުތައް ނޫސްތަކުގައި ލިޔާތީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ކުއްޖާ ގެއްލިގެން ފުލުހަށް ރިޕޯޓް ކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރެއެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ރޭ މަންދަމެވެ. އެއީ ރާއިފް ހޯދަން ފުލުހުން ކުރި މަސައްކަތުގެ ތެރެއިންނެވެ.

މި މައްސަލާގައި އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އެއީ އެ ކުއްޖާގެ ދެ އެކުވެރިން ކަމަށްވެއެވެ.

މި މައްސަލާގައި ކަމާ ގުޅުން ހުރި އިދާރާތަކުގެ ތަހުގީގާއި މަސައްކަތަށް ގާތުން ފާރަވެރިވުމަށް ކޮމިޓީން ކުރާނެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ވަނީ ކުއްލި ބައްދަލުވުމެއް ވެސް ބާއްވައިފައެވެ.

ކޮމިޓީގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވީ ބައެއް ނޫސްތަކުގައި ކުއްޖާގެ ވާހަކަތައް ގެނެސްދެމުން ދަނީ އަނިޔާ ލިބުނު އާއިލާއަށް އިތުރަށް ގެއްލުން ލިބޭނެ ޒާތަށް ކަމަށެވެ.

އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުން އިންތި ވިދާޅުވީ، ކުއްޖާ އިތުރަށް "ވިޔާނުދާކޮށް" ލިޔަމުންދާ ލިޔުން ހުއްޓުވުމުގެ ގޮތުން ކޮންމެ ވެސް މަސައްކަތެއް ކުރަން ޖެހޭނެ ކަމަށާއި އެކަން ކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.

"މީޑިއާގައި މި ޚަބަރުތައް ކަވަރު ކުރާ ގޮތް، އަޅުގަނޑު އިތުރަށް ކަންބޮޑުވުމާ އެކު ފާހަކުރަނީ ވިކްޓިމް ވިކްޓިމައިޒް ވާނެ ގޮތަށް ބައެއް ނޫސްތަކުގައި އެބަ ކަވަރު ކުރޭ، ވިކްޓިމްގެ ސަބަބުން ދިމާވާ ކަމެއް ގޮތުގައި ސިފަކޮށް، މިއީ ވިކްޓިމް ވިދާނުދާ ކޮށް އުޅުން ވި ކަމެއްގެ ގޮތުގައި ސިފަކޮށް، މިހެން ގޮސް ނުރަނގަޅު ވާހަކަތަކެއް،" އިންތި ވިދާޅުވިއެވެ.

އިންތިގެ ހުށަހެޅުމަށް ތާއީދު ކުރައްވަމުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ވިދާޅުވީ، ކުއްޖާގެ ޒާތީ މައުލޫމާތު އެ ގޮތަށް ނޫސްތަކުގައި ހާމަ ކުރެވިގެން ނުވާނެ ކަމަށެވެ. މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންތައް ޖަވާބުދާރީކޮށް، މިފަދަ ނޫސްތައް ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ކުއްޖާގެ ޒާތީ މައްސަލަތައް މި ގޮތަށް ނޫސްތަކުގައި ލިޔެމުންދާތީ މި ކަންކަމާ ގުޅޭ ގޮތުން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަން ޖެހޭ. މި ބާވަތުގެ ނޫސްތައް ހުއްޓުވަން ވެސް އެބަ ޖެހޭ،" ޔޫނުސް ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެްގެ ތެރެއިން: ފޮޓޯ މަޖިލިސް އިދާރާ

ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ މީގެ ކުރިން މިފަދަ މައްސަލައެއްގައި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ޖަވާބުދާރީ ކުރުމަށް އެ ކޮމިޓީން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ފިޔަވަޅު އެޅެން އޮންނަނީ ވަރަށް ހަނިކޮށް ކަމަށާއި އެ ގޮތަށް ވަނީ ގާނޫނުތައް އޮތް ގޮތުން ކަމަށެވެ.

"މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އެޅޭ ފިޔަވަޅުތައް ވެސް ވަރަށް ލިމިޓެޑްކޮށް އޮންނަނީ. އެ ކޮމިޝަން އެއްކޮށް އާ ގާނޫނެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އެކަމަކު އެ ކަން ވެސް ލަސްވަމުން ދަނީ. އޭގެ ކަންބޮޑުވުން އެބަ އޮތް." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، މި މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ފަރާތުން ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑީއާ ކައުންސިލާ ބައްދަލު ކުރާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ތަހުގީގީ އިދާރާތަކުން ލިޔުމުން މައުލޫމާތު ހޯދުމަށް ކޮމިޓީގެ މެންބަރުން ނިންމެވިއެވެ. މީގެ ތެރޭގައި ފުލުހުންނާއި، ޖެންޑާ މިނިސްޓްރީއާއި، ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓްއާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ހިމެނެއެވެ.

އެއަށް ފަހު މި ހުރިހާ މުއައްސަސާތަކާއެކު އަންނަ ހޮނިހިރު ދުވަހު އޮންލައިންކޮށް ބައްދަލު ކުރުމަށް ވެސް ކޮމިޓީ މެންބަރުން ނިންމެވިއެވެ. އަދި މީޑިއާތަކުގައި މި މައްސަލައިގެ ޚަބަރުތައް ޝާއިއުކުރަމުންދާ ގޮތުގެ މައްސަލަ ބަލަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅަން ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަލީ

    އެވާހަތަށް ރައްޔިތުންނަށް އެގެންޖެހޭ ، އެއިން ގިނަ އިބުރަތްތަކެއް އޭރުން ހާސިލްވާނީ ، ކުޑަކުދިން ބިކަވުމަކީ ކިހާބޮޑު ގެއްލުމެއްކަން އޭރުން އިހުސާސް ކުރެވޭނީ

  2. ޠ

    ކޮބައިތަ އެޗް އާރ ސީ އެމް.
    ކޮބައިތަ ރައީސް ސޯލިހް ބަހެއް ވެސް ބުނެނުލާ
    ޢަންނި އަށް ކަމެއް ވީމަ މި އެންމެން ހީވީ ދުނިޔެ ގިޔާމަތް ވީ ހެން

  3. ރައްޔިތު

    "ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު.." ޢިއްޒަތްތެރި މެންބަރާ، ކޮބާ؟ "ރޯޔަލް ރޭޕް ކޭސް" ކަންތައް ކިހާ ހިސާބެއްގަތަ އޮތީ..؟!

  4. ކިސް

    ނޫސް ތަކުން ހަބަރު ލިބޭނީ އެހެން ގޮތެއް ނެތް ހަބަރު ލިބޭނެ،، ދެން ޕޮލިހުން ބާއްވާނީ ނޫސް ކޮންފެރެންސް އޭގެން ނޭގޭނެ އެކައްޗެއްވެސް ތަހުގީގައް ހުރަސް އެޅިދާނެތީވެ ތިސުވާލްގެ ޖަވާބެއް ނެތް،، އަބަދުވެސް ނޫސް ވެރިން ނާހެދިއެ ކިޔައިގެން ކޮ ންމެވެސް އަގައެއް ތެޅުން ނޫން ކަމެއްނެތް.ނޫސްވެރިން ނެއްނަމަ ތިކުއްޖާ މަރާލިކަންވެސް ނެގޭނެ