ގިނަ ބަޔަކަށް މިއަދު ސިހުން ގެނުވި އެއް ހަބަރަކަށް އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީންކޮށް އަނިޔާ ކުރުމަށް ފަހު މަރާލާފައި އޮއްވައި ފެނުނު ހަބަރަށް ވާނެއެވެ. ގެއްލިގެން ހޯދާތާ ދެ ދުވަސް ފަހުން އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މޫދުންނެވެ. އެ ކުއްޖާ އޮތީ ފޮއްޓެއްގެ ތެރެއަށް ލައި އެއްލާލައިފައެވެ. މި ހަބަރާ އެކު، ހިތަށް ވެރިވީ ނުތަނަވަސްކަމެވެ. ވިސްނުނީ ރާއްޖޭގެ ހާލަތާ މެދުގައެވެ.

ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި، އަމާންކަމުގެ ހާއްޔެއްގެ ގޮތުގައި ސިފަ ކުރާ ރާއްޖޭގައި އެފަދަ ކަމެއް ހިނގާފާނެ ކަން ގަބޫލުކުރަން ޒަމީރު ބޭނުން ނުވާ އެތައް ދިވެހިންނެއް ތިބޭނެކަން ޔަގީނެވެ.

ކުއްޖާގެ އާއިލާ އަށް މިވަގުތު ކުރެވޭނެ އިހުސާސްތައް ހިތަށް ވެސް ނުގެނެވޭނެކަން ޔަގީނެވެ.

ކުއްޖާގެ އާއިލާ މީހަކު "ވަގުތު" އަށް ކުއްޖާގެ ވާހަކަތައް ކިޔައި ދިނީ އަސަރާ އެކުގައެވެ. މަޑުމައިތިރި މިޒާޖެއްގެ މި ކުއްޖާގެ ކުއްލި މަރާއެކު މުޅި އާއިލާ އަށް ވެރިވެފައި ވަނީ މޮޅިވެރިކަމެވެ. ޅަފުރާގައި މުޅި އާއިލާ ރޮއްވާފައި އެ ކުއްޖާ މި ދުނިޔެއާ އަލްވަދާއުކީ އެންމެން ރޮއްވައިފައެވެ.

"ފޭސްބުކް އިން ފެނުނީ ރަށު ކުއްޖެއް މަރުވެގެން އުޅޭކަން. އޭރު ނޭނގެ އާއިލާ މީހެއް ކަމެއް. ކުއްޖާ މަރުވިކަން އެނގުނީ މިއަދު ހެނދުނު. ރަށުކޮޅުން ގުޅާފައި ބުނީ. ހޭލީ ވެސް ބޭބެ ގުޅައިގެން." އޭނާ ކިޔާދިނެވެ.

މި ކުއްޖާ ނިޔާވެފައި އޮތް އިރު ފެނުމުން ކުރެވުނު އިހުސާސްތައް އޭނާ ކިޔައި ދިނީ އުނދަގުލާ އެކުގައެވެ. އެގޮތުން ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެންނަން ހުރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

" ވަރަށް މަޖާވާނެ އެ ކުއްޖާ. މަޑުން ހުންނާނީ. ފެނުނީމަ ވަރަށް އުނދަގޫވި. ވަރަށް އަނިޔާކޮށްފައި ހުރީ. މޫނުމަތިން ވެސް ނޭނގޭ ކާކު ކަމެއް ވެސް. ވަރަށް ދެރަވޭ. " އެމީހާ ބުންޏެވެ.

އެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 27 އަހަރުގެ ދިވެއްސަކާއި 17 އަހަރުގެ ދިވެހި ކުޑަ ފިރިހެންކުއްޖެކެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މި މައްސަލަ އާ ގުޅިގެން ރޭ ފަތިހު 5 ޖަހާކަށް ހާއިރު އެޗްއާރުސީއެމްގެ ޓީމެއް ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ. އެޗްއާރުސީއެމް އިން ވަނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބަލަމުންދާ ކަން ހާމަކޮށްފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ވެސް ވަނީ މި މައްސަލަ އާއި ގުޅިގެން ބާއްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިސް

    ކުއްވެރިން ކުއްވެރި ކުރަން ވަަރައް ޖެހެލުން ވޭ..ނޭގެ ވާގޮތެއް

  2. ހިތް

    ހާދަހާ ބިރުވެރި ކަމަކޭ މިއީ
    ހިތަށް ކެތްނުވާ ވަރު ކަމެއް
    ކޮބާތޯ އެކުއްޖާ މައިންބަފައިން

    9
    1
  3. ޖުމައިނާ

    މިއަދު ވަރަށް ބާރަށް ތިވާހަކަ ދައްކާނެ.އެކި ކޮމިޓީތަކުން އެކި މުވައްސަސާތަކުން ބަޔާންނެރެ ކަންބޮޑުވުން ފާޅުކުރާނެ.މާދަން މަރާލާނީ ކާކުގެ ދަރިޔެއް ކިހިނެއްކަމެއްވެސް ނޭގެ.މިއީ %100 އިސްލާމީ ގައުމެކޭ ކިޔާ އަޑުއިވޭ.އެކަމަކު އިސްލާމީ ޝަރީއަތެއް މިތާކު ނުއެއް ހިގާ.އެވަރުގެ ގަޓްހުރި ވެރިޔަކުވެސް ނާދޭ.ސިޔާސީ ބޭނުމުގަ މުޅިގައުމު ފުނޑާލަނީ.ދީނީ އިލްމުވެރިވެސް އެކީއެކަށް ނިކުންނަން ޥެއްޖެ މިގައުމުގެ އިސްލާމީ ޝަރީއަތް ގާއިމް ކުރަން.އެނޫން ގޮތަކަށް ދުވަހަކުވެސް މިކަމެއް ރަނގަޅެއްނުވާނެ.ބޮޑެތި ކުށްވެރިން ދޫވެފަ ތިބުން އެއީ މައްސަލައެއް.ހުކުން ތަންފީޒު ނުވެ ދިހަބާރަ މައްސަލަ އޮތުމަކީ ދެރަކަމެއް.ޝަރުއީ ނިޒާމް ފެއިލްވެފަ އޮތްކަމުގެ ހެއްކެއް.

    19
    1