ރަހީނު ކުރުމަށް ފަހު އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު މަރާލި މައްސަލައިގެ ތަހުގީގަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ވަރަށް ޚާއްސަ މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ދެ މީހުން ހައްޔަރުކުރުމުގެ އިތުރުންވެސް ބޮޑެތި ކުރިއެރުންތަކެއް މައްސަލައިގެ ތަހުގީގަށް ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވަނީ މި މައްސަލަ އާއި މިޒާތުގެ އެހެން މައްސަލަތަކާއި ގުޅޭ މައުލޫމާތު ވެސް ފުލުހުންނާއި ހިއްސާކުރުމަށް އާއްމުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

"މައްސަލައިގެ ތަހުގީގަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައި. ކުޑަކުއްޖަކަށް ވީތީ މައްސަލައިގައި ޝާމިލްވާ ފަރާތްތަކަކީ ވެސް ކުޑަކުދިންތަކަކަށް ވީތީ މައުލޫމާތު ހޯދުމުގަ ކުޑަކުދިންގެ ޤާނޫނުގެ ތެރެއިން މައުލޫމާތު ހާމަކުރުން. މިފަދަ ދަނޑިވަޅެއްގައި އާއިލާ އަށް ނިކަމެތިކަން އަންނާނެ ގޮތަށް އެއްވެސް ފަރާތަކުން ނުކުރުން އަޅުގަނޑު އިލްތިމާސްކުރަން " އޭނާ ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ ކުއްޖާ ފެނުނީ ހުޅުމާލެ ދެވަނަ ފޭސްގެ އާއްމުން ނޫޅޭ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ހޯދަމުން ދިޔަ ހޯދުންތަކުގެ ތެރޭގައި ކަމަށެވެ. އެގޮތުން ބެލިބެލުމުން އެ ކުއްޖާ ފެނުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރު އުތުރު ފަރާތު މޫދުގެ ފަޅުތެރެއިން ފޮށްޓެއްގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި 27 އަހަރުގެ ފިރިހެން މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންއެވެ. އޭނާ އަކީ މާރާމާރީގެ މައްސަލައެއްގައި 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށް ފަހު މީގެ 4 ވަރަކަށް މަސް ކުރިން މިނިވަންވި މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަފީޒާ

    ކަލޭމެންނައް އަބަދުވެސް ބޮޑެތި ކުރިއެރުން ލިބޭނީ.. މައްސަލައެއް ނުނިމޭ.. ހަގީގަތަކައް ވާސިލެއް ނުވެވޭ.. ކިތައް މަރު.

    52
    2
  2. އަހްމަދު

    ނަޝީދަށް ދިން ހަމަލާ އަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބުނުކަމަށް ޕޮލިހުން ބުނި. އަދިވެސް އެކުރިއެރުންތަކުން ވީކަމެއްނެތް. މިހާރަކަށް އައިސް އަނިޔާ ލިބޭ ފަރާތްތަކުގެ ހިތްހަމަ ޖެއްސުމަށް ޕޮލިހުން ވަރަށް ގިނައިން ބޭނުންކުރާ ބަހެއް އެއިީ. ވަރަށްބޮޑެތި ކުރިއެރުން ލިބިއްޖެ.

    30
    3
  3. ބޮޑު ކަތީބު

    ބޮޑެތި ކުރިއަރުން ލިބިގެން ކޮން ކޭހެއް ގެ މައްސަލަ އެއް އަމާޒަށް ވާސިލު ވެވުނީ

    29
    3
  4. ކުމާރު ރަތުނަޔާ

    ކުރި އެރުން ލިބޭނެ .....ފަހުން މަ އްސަލަ ވާގޮތެ އް ނޭންގޭ

    32
    2
  5. އަފިހުން

    ހެހެސަރުކާރުތަކުގެ ވެރިން އިންދާ ހެއްދި ގޭންގު ގަހުން ވަރަށް ބޮޑަށް ކުރިއަރައިފި

  6. އަންތަރީސް

    ހެހެ ސަރުކާރުތަކުގެ ވެރިން އިންދާ ހެއްދި ގޭންގު ގަސްގަހުން ވަރަށް ބޮޑަށް ކުރިއަރައިފި. އަދި މުޅި ގައުމު އެގެ ހިޔަލުން ލިބޭ ފިނިކަމުން މިދަނީ ހަލާކުވަމުަން

  7. ސީނު

    މުޅިޚަބަރު ކިޔާނނިމުނު އިރު އާއެއްޗެއް ނނޭނގުނު. ލިބުނު ކުރިއެރުމަކީ ކޮބާތަ؟ އަޅެ ހަފްތާއެއްވީއުރުވެސް ނުހޯދުނު އެހާވެސް ގޭންގް ތަކުގެ ބާރު ގަދަ މިގައުމުގަ

  8. އޭނާ

    ކުރިއެރުން ލިބުމަކީ އެކުއްޖާ ގެއްލިގެން އެންގުމުން މަރުވުމުގެ ކުރިން އެކުޖާ ހޯދުނުނަމަތާ އެއްކަމެއްވެސް ވާބައެއް މިހާރަކު ނެތް! ކޮވިޑުން ވެސް މީހުން މަރުވުމަށް ދޫކުރެވިފައި އެވަނީ !މިސަރުކާރު އައިފަހުން އެކިގޮތްގޮތުން މީހުން މަރުވެ
    ބިރުވެރިކަން އިންތިހާއަށް ގޮސްފައި މިވަނީ

  9. ދިވެހި ދަރިއެއް

    ދެން ކިޔާނެ އެއްޗެއް ނެތް. ކުއްޖާ މަރުވެއްޖެ! ދެން ކޮންމެ ކަމެއް ކުރިޔަސް އެ ކުއްޖާ އަނބުރައެއް ނުގެނެވޭނެ އަދި ދިރި ހުއްޓައެއް ނުވެސް ފެންނާނެ . ޖެންޑަރ އަދި ކުއްޖާގެ އާއިލާގެ ހުރިހާ އެންމެންގެ އިޙުމާލުން ތިޔޮތީ ތިކަން ވެ ނިމިފަ! 🙏