ހިއުމަން ރައިޓް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް އިން އދ. މަހިބަދޫ ފުލުހުންގެ އިދާރާ މޮނިޓަރު ކުރުމަށް ނިންމައިފިއެވެ.

އެޗްއާރުސީއެމުން ވިދާޅުވީ، މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް އެރަށަށް ކުރާ ޒިޔާރަތުގައި އެ ކޮމިޝަންގެ ދެ މެމްބަރުންނާއި އެންޕީއެމްގެ ޓީމަކުން ބައިވެރިވާނެ ކަމަށެވެ.

މިއީ މަހިބަދޫ ފުލުހުންގެ އިދާރާގައި ބަންދުގައި ތިބި މީހުންނާއި މެދު އަމަލު ކުރެވޭ ގޮތާއި، ފުލުހުންގެ އިދާރާގެ އާއްމު ހާލަތާއި އެތަނުގައި ބަންދުގައި ތިބި މީހުންނާ މެދު އަނިޔާވެރި، ލާއިންސާނީ ދަށު ދަރަޖައިގެ އަމަލެއް ހިންގާތޯ ބެލުމަށާއި އެފަދަ އަމަަލަށް މަގުފަހިވެދާ ފަދަ ކަމެއް ހުރިތޯ ބެލުމުގެ ގޮތުން ކުރެވޭ ޒިޔާރަތެއް ކަމަށް އެޗްއާރުސީއެމުން ވިދާޅުވިއެވެ.

މި ޒިޔާރާތުގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށޫގައި މިނިވަންކަން ގެއްލޭ ގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކަށް ރާއްޖޭގެ ޤާނޫނު އަސާސީއާއި އެންޓި ޓޯޗަރ ގާނޫނުގެ އިތުރުން ގައުމީ އަދި ބައިނަލްއަގުވާމީ އެހެނިހެން މިންގަނޑުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ އިދާރާއިން ހިދުމަތް ފޯރުކޮށްދޭތޯ ބަލާނެ ކަމަށް އެޗްއާރުސީއެމުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި އެފަދަ މާހައުލެއްގައި މަސައްކަތް ކުރާއިރު، ޤާނޫނުން ލިބެން ޖެހޭ ރައްކާތެރިކަން ލިބިދޭތޯ އާއި މުވައްޒަފުންގެ އާއްމު ހާލަތު ބަލާނެ ކަމަށް ވެސް އެޗްއާރުސީއެމުން ވަނީ ވިދާޅުވައެފެ.

އެޗްއާރުސީއެމުން ވިދާޅުވީ، މި ޒިޔާރަތަށްފަހު ފާހަގަ ކުރެވޭ ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް މަހިބަދޫ ފުލުހުންގެ އިދާރާއާއި ހިއްސާ ކުރާނެ ކަމަށާއި އެކަމުގެ މައްޗަށް އެކުލަވާލެވޭ ރިޕޯޓު ކޮމިޝަނުން ފާސްވުމުން ދިވެހި ފުލުހުންގެ ހިދުމަތާއި ކަމާއި ގުޅޭ އެހެން އިދާރާތަކަށް ހިއްސާ ކުރާނެ ކަމަށެވެ.

އެންޕީއެމްގެ ޓީމަކުން އެންމެ ފަހުން މަހިބަދޫ ފުލުހުންގެ އިދާރާއަށް ޒިޔާރަތެއް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.