އައްޑޫސިޓީން އިތުރު ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދުގެ ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ ހަ މީހުންގެ ތެރެއިން ފަސް މީހުންނަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ. އަދި ބާކީ ހުރި މީހާއަކީ މަރަދޫން ފައްސިވެފައިވާ މީހެކެވެ.

މިއާއި އެކީ އައްޑޫން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 439 އަކަށް އަރާފައެވެ. އެސިޓީގައި މިވަގުތު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 120 މީހެކެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން 317 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މި ބަލީގައި ދެ މީހަކު ވަނީ އެސިޓީން ނިޔާވެފައެވެ.

އައްޑޫގެ ވޭދަނަތަކަށް ބަލާއިރު، މިވަގުތު އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ ހިތަދޫންނެވެ. އެގޮތުން ހިތަދޫން 116 މީހަކަށް މިވަގުތު ބަލި ޖެހިފައިވާއިރު، މަރަދޫގައި ތިބީ ކޮވިޑްގެ ހަތަރު ބަލި މީހުންނެވެ.

އައްޑޫން ކޮވިޑް ވޭދަނަތައް އިތުރުވާން ފެށުމާއި އެކީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 8،768 ސުންކު ވަނީ ނަގާފައެވެ. އޭގެ ތެރެއިން 353 މީހުންނަކީ ގާތުން އެއްތާވި މީހުންނެވެ.

އައްޑޫސިޓީ ހިތަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު، ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު މިހާރު ވަނީ ހަވީރު ހަތަރަކުން ހެނދުނު އަށަކަށް އިތުރުކޮށްފައެވެ. އަދި ފުލުހުން ދޫކުރާ ހާއްސަ ހުއްދަ ނެތި އާންމުން ގެއިން ބޭރަށް ނިކުތުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.