ހާއްސަ އުސޫލެއްގެ ދަށުން މާލޭ ސަރަހައްދުގެ ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވީ ފަތިހު 05:00 އިން ފެށިގެން ހަވީރު 18:00 އަށް ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ޖިމްތަކުން ހިދުމަތް ދެވޭނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައި ވަނީ ޕްލޭނެއް އެޗްޕީއޭއަށް ހުށަހެޅުމަށް ފަހު އެޕްލޭން ބެލުމަށް ފަހުއެވެ.

ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން މިނިންމީ ޖިންތައް ބަންދުކޮށްފައި ހުރުމުން ޖިމްތަކުގައި މަސައްކަތް ކުރާ އިނިސްޓެކްޓަރުންގެ އާމްދަނީ ހުއްޓި، ގިނަ ބަޔަކަށް ބޮޑެތި މާލީ ގެއްލުންތައް ލިބެމުން ދާތީ އެކަމުގެ ޝަކުވާ އެފަރާތްތަކުން ކުރަމުން ގެންދަނިކޮށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19 އަށް މިހާރު ފައްސިވަމުންދާ އަދަދުތަކަށް ބަލާއިރު އަންނަ އަންނަ ހަފްތާގައި ވެސް އިތުރު ލުއިތަކެއް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އިތުރު ލުއިތައް ދިނުމަށް މިހާރު ވެސް މަޝްވަރާ ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން ފައްސިވީ 145 މީހުންނެވެ. އޭގެތެރެއިން މާލެ އިން ފައްސިވި މީހުންގެ އަދަދަކީ 61 އެވެ. މިއަދަކީ މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އިން ދަށުގައި ހުންނަތާ ހަތް ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ!!😥މިސްކިތް ތަކަކީ ތަޅާފޮޅަން ދާތަނަކަށް ހެދީމަ އަސްލު ވަރަށް ދެރަ...😢😢😥

  2. ނަަންނި

    ޖިމްތައް ނުހުަޅުވާ ކަމަކު ނުދާނެ. ހުޅުވާފަ ބަހައްޓާ. ކީއްކުރާނީ ސައްތައިން ސައްތަ މުސްލިމުން.