މާލެ އިން ކޮވިޑް-19 އަށް މިހާރު ޓެސްޓް ކުރާ މީހުންގެ އަދަދު 2000 އަށް ވެސް ނާރާކަން ރޭ އެޗްއީއޯސީ އިން އާއްމުކުރި މައުލޫމާތުތަކުން ސާފުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވަނީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދުތައް ހާމަކޮށްފައެވެ.

މަބްރޫކް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ތަފާސް ހިސާބުތައް އާއްމުކުރި ދުވަސްތަކުގެ ތެރެއިން އެންމެ ގިނަ މީހުން މާލެ އިން ޓެސްޓްކުރި ދުވަހު ވެސް ޓެސްޓްކޮށްފައި ވަނީ 1921 މީހުންނެވެ. އެއީ ޖޫން 20 ވަނަ ދުވަހު އެވެ. އެދުވަހު މާލެ އިން 84 މީހުން ފައްސިވިއެވެ. ޖޫން 19 ވަނަ ދުވަހު މާލެ އިން ޓެސްޓް ކުރީ 844 މީހުންނެވެ. އެދުވަހު 54 މީހުން މާލެ ފައްސިވިއެވެ.

13 ވަނަ ދުވަހު 1166 މީހުން މާލެ އިން ޓެސްޓް ކުރިއިރު 113 މީހުން މާލެ އިން ފައްސިވިއެވެ. 14 ވަނަ ދުވަހު 1880 މީހުން މާލެ އިން ޓެސްޓް ކުރިއިރު 125 މީހުން މާލެ އިން ފައްސިވިއެވެ. ޖޫން 15 ވަނަ ދުވަހު 1482 މީހުން މާލެ އިން ޓެސްޓްކުރިއިރު 105 މީހުން މާލެ އިން ފައްސިވިއެވެ. 16 ވަނަ ދުވަހު 1474 މީހުން މާލެ އިން ޓެސްޓް ކުއިއިރު 90 މީހުން މާލެ އިން ފައްސިވިއެވެ. 17 ވަނަ ދުވަހު 1284 މީހުން މާލެ އިން ޓެސްޓް ކުރިއިރު 116 މީހުން މާލެ އިން ފައްސިވިއެވެ. އަދި 18 ވަނަ ދުވަހު 1401 މީހުން މާލެ އިން ޓެސްޓް ކުރިއިރު 88 މީހުން މާލެ އިން ފައްސިވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓް ކުރާ މީހުންގެ އަދަދު މިހާރު މަދުވެފައި ވަނީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވުމާއިއެކު އެމީހުންނާއި ގާތުން ބައްދަލުވެގެން ކަރަންޓީން ވާން ޖެހޭ މީހުންގެ އަދަދު ވެސް މަދުވެފައި ވާތީއެވެ. އެހެންވެ ކަރަންޓީންގެ މުއްދަތު ހަމަކޮށް ޓެސްޓް ކުރަން ޖެހޭ މީހުންގެ އަދަދު މަދުވެފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އޭގެ އިތުރުން ފްލޫ ކްލިނިކްތަކަށް ގޮސް ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު ވެސް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ އޭނާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މިހާރު ވެސް ކޮންމެ ހަފްތާއަކު 12000 ވަރަކަށް މީހުން މާލެ އިން ކޮވިޑަށް ޓެސްޓް ކުރެވޭ ކަމަށެވެ.

މާލޭގެ މަގުމަތިން ވަކިތަރުތީބެއް ނެތި ސުންކު ނަގައިގެން މީހުން ކޮވިޑަށް ޓެސްޓް ކުރުން ހުއްޓާލާފައި އޮތުމަށްފަހު މިހާރު އަނެއްކާ ވަނީ އަލުން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތިރިބެ

    ޓެގް ގުރޫޕު ވަރައްދެރަވާނެ އެމީހުންބޭނުންވަނީ މުޅިމާލެ ހޮސްޕިޓަލަކައްހަދާފަބާވަން ރައްޔިތުންނައް މަސައްކަތްނުކުރެވޭގޮތައް

    1
    1
  2. ތަޖޫ

    މީއެޗްޕިއޭއީން ކުޅޭ ކުޅިވަރެއް. ސަރުކާރުގެ ކޮންމެވެސް ބޭނުންތަކެއް ފުއްދާދޭން ކުރާކަމަކަށްވެފާ މިއޮންނަނީ. ކޭސްތައް ގިނަކުރަންވީމާ ސާމްޕަލް ނެގުން ގިނަކޮށްލަނީ. މަދުކުރަން ބޭނުންވީމާ ސާމްޕަލް ނެގުން މަދުކޮށްލަނީ.