ނުވަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަންނަ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން އިއްޔެ ނެރުނު އިއުލާނެއްގައިވާ ގޮތުން، މީގެ ތެރޭގައި ހިމެނެނީ އަންހެނުންގެ ތަރައްގީގެ ކޮމިޓީގެ ބައެއް ދާއިރާތަކުގެ މެންބަރު ކަމަށް އިންތިޚާބު ކުރަން ޖެހޭ އަދަދަށް ވުރެ މަދުން މީހުން ކުރިމަތިލާފައިވާ ރަށްރަށާއި އެއްވެސް މީހަކު ކުރިމަތިލާފައި ނުވާ ރަށްރަށުގެ އިތުރުން، ވޯޓު އެއްވަރު ވުމުން ބާއްވަން ޖެހޭ ދެވަނަ ބުރާއި، މަގާމު ހުސްވުމުން ބާއްވަން ޖެހޭ ބައި-އިލެކްޝަނެވެ.

އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 3:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓަ ނަގާ ނިމޭތާ 30 މިނެޓް ފަހުންނެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އީސީން ވިދާޅުވެއެވެ.

މި އިންތިޚާބުގައި ވާދަކުރަން ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި ގޮތުން މިއަދު ހެނދުނު 9:30 އިން ފެށިގެން އަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހުގެ މެންދު ފަހު 1:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ. މެއިލް ކުރާނީ [email protected] އަށެވެ.

އިންތިޚާބުގައި ކުރިމަތިލުމަށް ޓަކައި ހުށަހަޅަން ޖެހޭ ފޯމު އީސީގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

އިންތިޚާބު އޮންނަ ރަށްތައް

  1. ހދ. ނޮޅިވަރަމް (އިންތިޚާބު ކުރަނީ 1 މެންބަރެއް)
  2. ހދ. ނޭކުރެންދޫ (އިންތީޚާބު ކުރަނީ 2 މެންބަރެއް)
  3. ބ. ފުޅަދޫ (އިންތިޚާބު ކުރަނީ 1 މެންބަރެއް)
  4. ކ. ދިއްފުށީ (އިންތިޚާބު ކުރަނީ 1 މެންބަރެއް)
  5. އއ. ފެރިދޫ (އިންތިޚާބު ކުރަނީ 4 މެންބަރެއް)
  6. ވ. ރަކީދޫ (އިންތިޚާބު ކުރަނީ 5 މެންބަރުން)
  7. މ. ރަތްމަންދޫ (އިންތިޚާބު ކުރަނީ 5 މެންބަރުން)
  8. ނ. މަގޫދޫ (އިންތިޚާބު ކުރަނީ 1 މެންބަރެއް)
  9. ލ. މާބައިދޫ (އިންތިޚާބު ކުރަނީ 1 މެންބަރެއް)

މިދިޔަ އޭޕްރީލް މަހު އޮތް ކައުންސިލް އިންތިހާބުގައި ވަނީ ވަނީ އަންހެނުންގެ ކޮމެޓީތަކަށް ވެސް މެންބަރުން އިންތިހާބު ކޮށްފައެވެ. ގިނަ ރަށްރަށުގެ ކޮމެޓީތަކުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.