ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ނުބެލި ލަސް ވަނީ ސިޔާސީ ނުފޫޒާ ހެދި ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖޭން ބޭރުގައި މި ވަގުތު ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނިކޮށް އެކަމާ ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއް ހިއްސާކުރައްވަމުން އުޝާމް ވިދާޅުވީ އަލީ ވަހީދު މައްސަލައިގައި ޝަރީއަތް ހިނގަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ފުރުވާލީވެސް ގާނޫނާ ހިލާފަށްކަން ފާހަގަކުރެއްވިއެވެ.

މި މައްސަލަ ބައްލަވަމުންދާ ގާޒީ، ހަސަން ސައީދަށް އިޝާރާތް ކުރައްވައި އުޝާމް ވަނީ އެ ގާޒީގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުބެލޭ ކަމަށް ވިދާޅުވެފައެވެ.

"ގާނޫނާ ހިލާފަށް ފުރުވާލީ. މިހާރު ގާނޫނާ ހިލާފަށް ޝަރީއަތް ކުރިއަށް ގެންދަނީ. އެއް ގާޒީއެއް. ތަކުރާރުކޮށް ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާއިރު ވެސް މިގާޒީގެ މައްސަލަ ޖޭއެސްސީ އަށް ވެސް ބެލޭ ކަމަކަށް ނުވި." އުޝާމް ކުރެއްވި ޓްވީޓްގައި ވެއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުން ޝަރުއީ ދާއިރާގައި ސިޔާސީ ނުފޫޒު އޮތްހާ ހިނދަކު އިންސާފު ގާއިމް ނުކުރެވޭނެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ އަލީ ވަހީދަށް ދީ، ޕާސްޕޯޓް ދޫކޮށްލީ، އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފް ކުރިއެވެ. އެކަމަކު މި މައްސަލަތައް ކުރިއަށް ދެވޭ ގޮތް ނުވެ ވަނީ ހުއްޓިފައެވެ. އެއީ ވެސް އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މިފަދަ މައްސަލައެއް ގެންދެވެން ނޯންނާނެތީއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.

އަލީ ވަހީދު ފުރައިގެން ދާން ފުރުސަތު ލިބޭނެ ގޮތް ވުމުން ޕީިޖީ އޮފީހަށާއި ކްރިމިނަލް ކޯޓަށާއި ސަރުކާރަށް ވެސް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެކަމަކު ޕީޖީ ވިދާޅުވަނީ އެ ކަމާ ދައުލަތުން ދެކޮޅު ހަދާފައިވަނިކޮށް ކޯޓުން އެ ހުއްދަ ދިނުމުން، އޭގައި ޕީޖީ އޮފީހުގެ ފެއިލް ވުމެއް ނެތް ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޫޓުވާ

    ޖޭއެސްސީ އުޅެނީ މިހާރު އެހެންކަމަކާ. ބޮޑުވަޒީރުގެ ކަންތަކުގައާއި ލާދީނީ ބިލުގެ ކަންކަމާ. ކޮންމެވެސް އެއްކަމެއްތާވާނީ. އެހެންނޫނަސް އެމްޑީޕީގެ ތިލަފަތުން ކިރާއިރު އެމްޑީޕީމީހަކަށް ގެއްލުމެއްނުވާނެތާ.

  2. ކަރާ މޯލަޑިވްސް

    އަލީ ވަހީދު ވީމަ ވަކިގޮތެއް . ނިކަމެެތި ރައްޔިތުމީހާއަށް ވަކި ގޮތެއް .. ސިޔާސީ ނުކޮށް ހަމަ ހަމަ އުސޫލުން ކަންކުރަން ގޮވާލަން.

  3. ނުހައްގު

    ތީ ޝައްކެއްވެސް އޮތްކަމެއްނޫން ރޯޔަލް ކަމެއްވީމާ ޤަނޫނާ ޚިލާފުވިއަސް އެވެރިންނަށް އޯކޭ

  4. ހޯސްފޯސް

    މޑޕ ގެ ތިލަފަތަކީ ވޯޓަށް ތިއްތި ދައްކަން އިންނަ އެއްޗެއް. ހަޤީޤަތުގައި އެއީ ނިކަމެތިންނަށާއި އިދިކޮޅު ސިޔާސީ މީހުންނަށް އަދަބު ދޭން އިންނަ ތިލަފަތެއް.