ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން އަންނާތީ އެބަލި ޖެހޭ މީހުންނަށް ބޭނުންވާ ސިއްޚީ ފަރުވާ ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި މުޅި ރާއްޖޭގައި 605 އެނދާއި 57 ވެންޓިލޭޓަރު އެބަ ހުރި ކަމަށް ރައްޔިތުންގެ މަޖިލީހަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ފޮނުއްވި ޖަވާބުގައި ވިދާޅުވެއްޖެއެވެ.

މި ތަފްސީލްތައް ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ނަސީމް ޚިއްސާ ކުރެއްވީ، މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޚައިތަމް ހުށަހެޅުއްވި ސުވާލުތަކުގެ ޖަވާބުގައި ފޮނުއްވި ލިޔުމުގައެވެ.

މަޖިލީހަށް ފޮނުވި ލިޔުމުގައިވާ ގޮތުން ސިއްޚީ ޚިދުމަތްތެރިންގެ ގޮތުގައި ހަރަކާތްތެރި ވަނީ ޖުމުލަ 2،564 މުވައްޒަފުންނެވެ. ހާލަތު އިތުރަށް ގޯސްވާނަމަ ސިއްޚީ ޚިދުމަތްތެރިންގެ 40 އިންސައްތަ ކޮވިޑަށް ޚާއްސަ ކުރެވޭނެ ކަމަށް މިނިސްޓަރުގެ ޖަވާބުގައިވެއެވެ.

"ރަށު ފެންވަރުގައި މެނޭޖް ކުރެވޭ ކޭސްތައް ރަށުގެ ޓާސްކް ފޯސްއިން މެނޭޖް ކުރާ ގޮތަށް، ހާލަތު ގޯސްވާނަ ސަރަހައްދީ ޓާސްކް ފޯސް މެދުވެރިކޮށް އެ ސަރަހައްދެއްގައި ޚާއްސަ ތަނަކަށް ގެންދެވޭނެ، ނުވަތަ މާލެ ސަރަހައްދުގެ ތަނަކަށް ގެންދެވޭނެ،" މިނިސްޓަރުގެ ޖަވާބުގައިވެއެވެ.

ކޮވިޑަށް ޚާއްސަކޮށް 57 ވެންޓިލޭޓަރު ހުރި ކަމާއި، އެހެން ސިއްޚީ ފަރުވާތަކަށް އިތުރު 82 އައިސީޔޫ ވެންޓިލޭޓަރު ހުރި ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވެއެވެ.

ކޮވިޑަށް ޚާއްސަކޮށްފައިވާ އެނދުތައް

01. ހުޅުމާލެ ފެސިލިޓީ (265 އެނދު)
2. ދަރުމަވަންތަ ހޮސްޕިޓަލް (29 އެނދު)
3. އައިޖީއެމްއެޗް (29 އެނދު)
4. ހުޅުމާލެ ހޮސްޕިޓަލް (85 އެނދު)
5. ށ. ފުނަދޫ ހޮސްޕިޓަލް (54 އެނދު)
6. ފުވައްމުލައް ހޮސްޕިޓަލް (3 އެނދު)
7. ބ. އަތޮޅު ހޮސްޕިޓަލް (45 އެނދު)
8. ލ. ގަން ރީޖަނަލް ހޮސްޕިޓަލް (27 އެނދު)
9. ހއ. އިހަވަންދޫ އައިމިނައި ދިޔޯ ހެލްތު (3 އެނދު)
10. ގއ. ވިލިނގިލި ހޮސްޕިޓަލް (38 އެނދު)
11. ގދ. އަތޮޅު ކޮވިޑް ފެސިލިޓީ (21 އެނދު)
12. އައްޑޫ ކޮވިޑް ފެސިލިޓީ (35 އެނދު)

ކޮވިޑަށް ޚާއްސަ ވެންޓިލޭޓަރުތައް

1. ހުޅުމާލެ ފެސިލިޓީ (17 ވެންޓިލޭޓަރު)
2. ދަރުމަވަންތަ ހޮސްޕިޓަލް (11 ވެންޓިލޭޓަރު)
3. ހުޅުމާލެ ހޮސްޕިޓަލް (5 ވެންޓިލޭޓަރު)
4. ށ. ފުނަދޫ ހޮސްޕިޓަލް (3 ވެންޓިލޭޓަރު)
5. ޏ. ފުވައްމުލައް ސިޓީ ހޮސްޕިޓަލް (2 ވެންޓިލޭޓަރު)
6. ބ. އަތޮޅު ހޮސްޕިޓަލް (3 ވެންޓިލޭޓަރު)
7. ލ. ގަން ރީޖަނަލް ހޮސްޕިޓަލް (3 ވެންޓިލޭޓަރު)
8. ހއ. އިހަވަންދޫ އައިމިނައި ދިޔޯ ހެލްތު (1 ވެންޓިލޭޓަރު)
9. ގއ. ވިލިނގިލި ހޮސްޕިޓަލް (3 ވެންޓިލޭޓަރު)
10. ގދ. އަތޮޅު ކޮވިޑް ފެސިލިޓީ (6 ވެންޓިލޭޓަރު)
11. އައްޑޫ ކޮވިޑް ފެލިސިޓީ (3 ވެންޓިލޭޓަރު)

އޮކްސިޖަން ކެޕޭސިޓީ

ޖުމުލަ އޮކްސިޖަން އެލޭނެ 5700 އޮކްސިޖަން ސިލިންޑާސް ފުޅި އެބަ ހުރި ކަމަށް ހެލްތު މިނިސްޓަރުގެ ޖަވާބުގައިވެއެވެ.

  1. ށ. ފުނަދޫ (47 ލީޓަރުގެ 215 ޖަމްބޯ)
  2. ޏ. ފުވައްމުލައް (47 ލީޓަރުގެ 143 ޖަމްބޯ)
  3. ބ. އޭދަފުށި (47 ލީޓަރުގެ 228 ޖަމްބޯ)
  4. ލ. ގަން (47 ލީޓަރުގެ 231 ޖަމްބޯ)
  5. ހއ. އިހަވަންދޫ (47 ލީޓަރުގެ 26 ޖަމްބޯ)
  6. ގއ. ވިލިނގިލި (47 ލީޓަރުގެ 248 ޖަމްބޯ)
  7. ސ. ހިތަދޫ (47 ލީޓަރުގެ 164 ޖަމްބޯ)

ކޮވިޑް-19 ހާލަތު މިދިޔަ މެއި މަހު ރާއްޖޭގައި އެންމެ ބޮޑަށް ގޯސްވެގެން ދިޔައިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު 298 އަށް އެރިއެވެ. އޭގެ ތެރެގެއިން ގިނަ މީހުންނަށް ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.