އާންމު ތަނެއްގައި މީހަކު އިސްލާމް ދީނާ ހިލާފު ކަމެއް ކުރި ކަމަށް ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ގާނޫނަކަށް ވެގެން އަންނައިރު އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު އަލީ ޝަހީމް ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސޭން ހުށައަޅުއްވާފައިވާ ބިލަށް ވަނީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ބިލާއި ގުޅޭ ގޮތުން އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޝަހީމް ވަނީ އޭނާ ދެކިވަޑައިގަންނަވާ ގޮތް ފޭސްބުކްގައި އާއްމުކުރައްވާފައެވެ.

ޝަހީމް ލިޔުއްވާފައިވާ ގޮތުގައި ގާނޫނުލް އުގޫބާތަށް ގެންނަން އުޅޭ އިސްލާހުގައި ނަފްރަތުގެ އަމަލަކީ ކޮބައިކަން ސަރީޙަކޮށް ބަޔާންކުރަން ޖެހެއެވެ.

"އިސްލާމްދީނުގެ ގަދަރު ކުޑަކޮށް ދީނުގެ ޝިއާރުތަކަށް ފުރައްސާރަކޮށް ތައުހީނުކުރުމުގެ އެންމެހާ ފިކުރުތައް ފެތުރުމާއި ޢަމަލުތައް ހިންގުން ސަރީޙަކޮށް ގާނޫނުގައި މަނާކުރެވެން ޖެހޭނެ" މަޝްހޫރު ދީނީ އިލްމުވެރިޔާ ޝަހީމް ވިދާޅުވިއެވެ.

އިސްލާމީ މުޖުތަމައުތަކުގައި ނަފްރަތުގެ އަމަލުގެ ފެށޭ ހިސާބަކީވެސް އެއީ ކަމަށާއި، އިސްލާމީ އަގީދާއާ ދެކޮޅު ބާތިލު ފިކުރުތަކާއި އަމަލުތައް ހުއްޓުވުމަށް އިސްލާމީ އަގީދާގެ އަލީގައި އިލްމީ ހުއްޖަތުގެ މައްޗަށް ބިނާކޮށް ދެވޭ ދައުވަތަކީ ނަފުރަތުގެ އަމަލުގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި ޝަހީމް ވިދާޅުވިއެވެ.

"ގާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީއަތުގައި ކަނޑައެޅި ބަޔާންވެގެންވާ (ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ) މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެ" ޝަހީމް ލިޔުއްވެވިއެވެ.

ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރެއަށް "ޝަރުއީ ޟަވާބިޠު" އިތުރު ކުރަންޖެހޭ ކަމަށް ޝަހީމް ދެކިވަޑައިގަންނަވައެވެ. އެހެން ނޫން ނަމަ، ހުށަޅަހަޅާފައި އޮތް "ޞީޣާ" އޮތް ގޮތުން އިސްލާމީ މުޖުތަމައުގައި ގަސްތުގައި ހިނގާ ދީނާ ޚިލާފު ފިކުރުތައް ހުއްޓުވުމަށް ގާނުނީ ގޮތުން ހުރަސްތަކެއް މެދުވެރިވެދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކެރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައިވާ ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ނަފްރަތުގެ އަމަލުތައް ހުއްޓުވަން ގާނޫނެއް ހަދާ ނަމަ، އެފަދަ އަމަލުތައް ހުއްޓުވުމަށް އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ އުސޫލުތަކާއި ފަލްސަފާތަކުގެ އަލީގައި ގާނޫނު އެކުލަވާލެވިއްޖެ ނަމަ ގައުމާއި މުޖުތަމައަށް ކުރާނެ ފައިދާ ބޮޑުވާނެއެވެ.

ފިކުރީ މައްސަލަތަކަކީ ހަމަ އެކަނި އަދަބުދީގެން ހައްލުކުރެވޭނޭ ކަންކަމެެއްނޫން ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަމަކު އަދަބު ދިނުމަކީ ވެސް އިސްލާހި ފަރުވާގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ. އެއީ މުޖުތަމައާއި ގައުމުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއްކަން ޝަހީމްގެ ލިޔުން ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ނަފްރަތގެ ބިލް މިހާރު އޮތީ މަޖިލީހުގެ ކޮމެޓީގައެވެ. ބެލެވޭ ގޮތުގައި އަންނަ ހަފްތާގައި ކޮމެޓީން އެބިލް ފާސްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދޫ

    ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ ނ އަށް ބައްލަވާ މުސްލިމަކަށް ލާދީނީ ގޮވަނީއޭ ކަޔާ މިހަދާ ގާނޫނަކީ މުންކަރާތް ނަހީކުރުން މަނާކުރުމަކަށް ވުމުން މަޖިލީހުގެ ވޯޓް ދީގެންފާސް ކުރިޔަސް ވަނީ ބާތިލް ގާނޫނަކަށް އެކަން ގާނޫނުއަސަސީގެ 10 ގެ ނ ން އެގޭ ނ ގަވަނީ "އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ އެވެ." މުންކަރާތް ނަހީ ކުރުމަކީ ކޮންމެ މުސްލި މަކަށް ވާޖިބު ކުރައްވާފައިވާކަމެއް.އަތުން މަނާކުރުމަށް ނުކުޅެދިއްޖެނަމަ ބަހުން ބުނަންޖެހޭ ބަހުން ބުނަން ނުކުޅެދިއްޖެނަމަ އެމީހާގެ ހިތުންވެސް ދެކޮޅުހަދަންޖެހޭ. ގާނޫނެއްހަދައިގެން މުސްލިމައްގެ ވާޖިބު ނިގުލައި ނުގަނެވޭނެ. ގާނޫނުއަސާސީގަ ބަޔާން ކުރެވިފަވަނީ މިގާނޫނުއަސާސީއަހިލާފަށް ހެދޭ ގާނޫނު ބާތިލް ވެންވާކަމަށް. އަދި އިސްލާމްދީނުގެ އަސްލަކަ ހިލާފަށް ހެދޭ ގާނޫނު ވެސް ބާތިލް ކަމަށް.

  2. ސސ

    ގާނޫނެއްގައި ލިޔެވިފައި އޮތަސް ނެތަސް ދިވެހިރާއްޖޭގެ އިގްތިސާދީ ޢިޖްތިމާޢީ ސިޔާސީ ހާރިޖީ ސިޔާސަތަކީ އިސްލާމް ދީނުގެ އާންމު ހުކުމް ފުޅުތަށް އެޔަކަށް އެއްވެސް މީހަކަށް ބަދަލް ނުގެނެވޭނެ .

  3. އަހުމަދު

    އެފަދަ ބިލްތައް ފަރުމާކުރަން ވާނީ ދީނީ ޢިލްމުވެރިންގެ ބަސް ހޯދައިގެން. ހިސާނަށް ހީވަނީ ކަންނޭންގެ އޭނަޔަކީ ވެސް ޢިލްމު ވެރިޔެކޭ