ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މިހާރަކަށް އައިސް އެންމެ ގިނައިން އިންނަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުން ފައިބަން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދަވަން ޖަރުމަނަށް ވަޑައިގެންނެވި ނަޝީދު ހުންނެވީ އަދިވެސް އެގައުމުގައެވެ.

މަޖިލީހުގެ ރިޔާސަތުގައި ދެން އިންނަވާނީ، މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުންނަމަ، މަޖިލީހުގެ ނައިބު ރައީސް ނުވަތަ ރިޔާސަތުގައި އިންނަވަން ކަނޑައަޅާ މެންބަރުންގެ ތެރެއިން ރައީސް ނޫނީ ނައިބު ރައީސް އަންގަވާ ބޭފުޅެކެވެ.

ރައީސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި ދަނީ އިންކުއަރީއެއް ހިންގަމުންނެވެ. ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވެސް އުޅުއްވަނީ އާންމު ގޮތެއްގައި ކޮމިޓީގެ މި މަސައްކަތުގައެވެ.

މިދިޔަ ދެ ހަފުތާގެ ޖަލްސާތަކުގައި ވެސް ރިޔާސަތުގައި ގިނަ ވަގުތު އިންނެވީ އަފީފެވެ. މީގެ ކުރިން ވެސް ނަޝީދާއި އީވާއަށް ރިޔާސަތުގައި ނުތިއްބެވޭ ވަގުތު ގިނައިން ރިޔާސަތު ބަލަހައްޓަވަނީ އަފީފެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ޖާބިރު ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި ނަޝީދު އިންނަވަން ޖެހޭ ތަނުގައި އެހެން ބަޔަކު މިހާރު ތިއްބަވާ ކަމަށެވެ.

އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު މަރާލި މައްސަލާގައި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރުގެ މުޅި ވާހަކަ ބިނާ ކުރެއްވީ ނަޝީދަށް ދިން ހަމަލާއަށެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އެމަނިކުފާނުގެ ބެލުމުގެ ދަށުން ނޫނީ މަޖިލީސް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ހުށަހެޅި މައްސަލައަށް ބަހުސްނުކޮށް ރައީސް ނަޝީދުގެ މައްސަލައަށް ވާހަކަ ދައްކަވާތީ، ހުށަހެޅިފައިވާ މައްސަލައަށް ބަހުސް ކުރަން ޖާބިރުގެ އަރިހުގައި އަފީފް އެދިވަޑައިގެންނެވިއެވެ.

އޭގެ ފަހުން ވެސް ޖާބިރު ގެންދެވީ އަފީފް ރިޔާސަތުން ފާބައިގަންނަވަން ގޮވާލައްވަމުންނެވެ.

"އަޅުގަނޑު މި ގޮވާލަނީ މަނިކުފާނު (އަފީފް) ތި ތަނުން ފާބައިށޭ، ކާކުތޯ މަނިކުފާނު ތި ގޮނޑިއަށް އަރަން ހުއްދަ ދިނީ،" ހަދަމުންދާ ޖާބިރުގެ ރިސޯޓެއްގައި ހުންނަވައިގެން ޖަލްސާގައި ބައިވެރިވެވަޑައިގެން ޖާބިރު ވިދާޅުވިއެވެ.

އަފީފަކީ ވެސް ނަޝީދުގެ އަރިސް ބޭފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގައި ވެސް އަފީފް ހުންނެވިއެވެ. މަޖިލީހުގެ ރައީސް ކަމަށް އަފީފް ގެންނަން ރައީސް ސޯލިހް ތާއިދު ވެސް ކުރެއްވިއެވެ. އެކަމަކު ރައީސްއާއި ނަޝީދު ވެސް މަޝްވަރާ ކުރައްވައި، ޕާލިމެންޓްރީ ގްރޫޕްގެ އިއްތިފާގުން ނަޝީދު މަޖިލީހުގެ ރައީސް އަކަށް ގެންނަވަން ނިންމެވީއެވެ. އޭގެ ފަހުން އަފީފް ވެސް ހުންނަވަނީ ނަޝީދަށް ތާއީދު ކުރައްވާ މެންބަރެއްގެ ގޮތުގައެވެ.

ކުރިން ޖާބިރަކީ ވެސް ނަޝީދުގެ ވަރަށް އަރިހުގައި އެމްޑީޕީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެކަމަކު ނަވާރަވަނަ މަޖިލީހަށް ކާށިދޫ ދާއިރާއަށް ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގަތް ފަހުން އެ ޕާޓީން ދުރަށް ޖެހި ވަޑައިގަތެވެ.

ޖާބިރު ދެން އެ ދާއިރާއަށް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ބަލި ކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ. ޑީއާރުޕީގެ ލީޑަރު ކަމަށް ވަޑައިގަތީ، އޭގެ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަދީފް

    ޖާބިރު މިއަދު ހަމަ 6ބޭސް.ވަަރަށް ޖޯޝުގަ މިއަދު ވާހަކަދެއްކީ.ރާގުވެސް ވަރަށް ބެސްޓް.

    4
    1
  2. އިބްރާހިމްބެ

    ޖާބިރަށް ހަމައެއް ލަމައެއް ރޭކާވެސް ނުލާނެ

  3. ކުޑަ ހަސަން

    އަބަދުވެސް ހުންނަވާނީ ނަޝީދު ވިދާޅުވިފަދަ ހިނދު ކޮޅެއްގައި

  4. އެޑަމް

    ޖާބިރު ވިދާޅުވީމެއްނޫންތޯ ނަސީދު އަރިހަށް ހަދިޔާ ހިއްޕަވައިގެން ދާވާހަކަ.ކޮބާތޯ އެކަން.ކުރަން ވިދާޅުވި ކަންތައް ނުކުރެވުނު ހަމަ އެކަނި ބޭފުޅާގެ ސަރަފު ލިބިވަޑައިގެން ހުންނެވި ހަމަ އެކަނި ބޭފުޅާ ދާންވީ ނޫންތޯ ނަސީދު ބައްލަވާ.

  5. އަބްދޫ

    ނަސީދަކީ ދިވެހިގައުމަށް ހުރި ބިރެއް ، ފުރަތަމަ ވެރިކަން ލިބުމުން މޫދަށް އެރިފަ ފޮޓޯއެއްނަގާ ރާއްޖެ އަޑިޔަށް ދަނީއޭ ގޮވާފަ އޮސްޓްރޭލިޔާގެ ޖަންގައްޔަށް ދިވެހިން އަޅަލުމަށް ވަނީ އުޅެފަ. މިހާރު މިވަނީ މޯދީއަށް ދިވެހިގައުމު ވިއްކާލާފަ ކަމަށް ތުހުމަތު ކުރެވޭ. ވީމާ ނަސީދު ރާއްޖެއަކަށް ބޭނުމެއްނޫން.