ހުސްވެފައިވާ އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައިމިވަނީ ކޮމިޝަންގެ މެންބަރު އަދި ރައީސް ކަމުގައި ހުންނެވި އަހުމަދު ޝަރީފް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. މި ވަގުތު އީސީ ހިންގުމާ ހަވަލުވެވަޑައިގެން ހުންނެވީ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބްއެވެ.

ގާނޫނުގައި ބުނާ ގޮތުން އީސީގެ މެންބަރަކުގެ މަގާމު ހުސްވާތާ 60 ދުވަސް ތެރޭގައި މެންބަރަކު އައްޔަން ކުރަން ޖެހެއެވެ.

ސަރުކާރުގައި ގެޒެޓް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާ މީހާ އުމުރުން 25 އަހަރު ވެފައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން އަދި ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އެ މީހާއަކީ ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އީސީން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި މަހުގެ ހައެއް އަދި ހަތް ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ.

އީސީއަކީ އިންތިހާބުތައް، ޑިމޮކްރަސީގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، މިނިވަން، އިންސާފުުވެރި، ހާމަކަން ބޮޑު އަދި އިތުބާރު ކުރުވަނިވި އިންތިޚާބުތަކެއް ހިންގައި ބެލެހެއްޓުމަށްޓަކައި 2008 ވަނަ އަހަރު ގާއިމްކުރެވިފައިވާ މިނިވަން މުއައްސަސާއެެކެވެ.

ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. މި ވަގުތު ކޮމިޝަން ގައި ތިއްބަވަނީ ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް އައީ ފުއާދު ތައުފީގް އާއި އަލީ ނަޝާތުގެ އިތުރުން ޑރ. މުހައްމަދު ޒާހިރުއެވެ.

ކިޔުންތެރިންގެ ހިޔާލު