މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއަކީ ވަކި ބަޔަކު ކުށްވެރި ކުރަން ކުރާ މަސައްކަތެއް ނޫން ކަމުގައި އެ ކޮމިޓީން ހާމަކޮށްފިއެވެ.

މަޖިލީހުގެ ސަލާމަތާ ބެހޭ ކޮމިޓީ (241) އިން ކުރިއަށް ގެންދާ މި އިންކުއަރީއަކީ ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅިވާލި ގޮތް ހޯދުމަށްޓަކައި ކުރާ ދިރާސާއެކެވެ.

މި އިންކުއަރީ އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މުހައްމަދު އަސްލަމް ވިދާޅުވީ މި މައްސަލައާއި ގުޅުން ހުރި ގިނަ މައުލޫމާތުތަކެއް މިހާތަނަށް އެއްކުރެވިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުތަކުގެ އަލީގައި މިހާރު ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާއިރު މި މަސައްކަތުގެ ތެރެއިން ދެނިގަނެވިފައިވާ ބައެއް މައުލޫމާތު ސިއްރުކުރާނެކަން ފާހަގަކުރެއްވިއެވެ.

241 އަސްލަމް މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލީސް

އަސްލަމް ވިދާޅުވި ގޮތުން މިމަހުގެ ނިޔަލަށް ކޮމިޓީއިން ކުރި މަސައްކަތުގެ ތަފްސީލީ ރިޕޯޓެއް އާންމު ކުރައްވާނެއެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލާ އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް އިހުމާލުވާ މީހުންގެ މައްސަލަ ތަހުގީގުކޮށް އެފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށްވެސް ފޮނުވޭނެ ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ފަރާތަކުން ގާނޫނީ ކުށެއްކޮށްފި ކަން ތަހުގީގުން ފާހަގަކުރެވިއްޖެ ނަމަ އަދި އެކަން ތަހުގީގީ އިދާރާތަކުން ތަހުގީގު ނުކުރާ ކަމަށްވާ ނަމަ، ތަހުގީގުކޮށް ދައުވާ ކުރަން އަޅުގަނޑުމެން ކަމާބެހޭ އިދާރާތަކަށްވެސް ފޮނުވާނަން" އަސްލަމް ވިދާޅުވިއެވެ.

މި އިންކުއަރީއަކީ ރައީސް ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތް ބެލުމަށްޓަކައި ކުރާ ދިރާސާއެއް ކަމުގައިވާއިރު އޭޑީކޭގެ ޑޮކްޓަރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް އަސްލަމް މިއަދު ވިދާޅުވެފައިވެއެވެ. އެކަމާއި ގުޅިގެން "ވަގުތު" އިން ކުރި ސުވާލުކުރުމުން އޭނާ ވިދާޅުވީ އެއީ ދިރާސާއަށް ބޭނުންވާ އިތުރު މައުލޫމާތު ނެގުމަށް ކަމަށެވެ. އަދި އެގޮތަށް އިންކުއަރީއަށް ބަޔަކު ހާޒިރު ކުރެވެނީ ތުހުމަތުތަކެއް ކުރެވިގެން ނުވަތަ ކުށްވެރިކުރަން ނޫން ކަމަށް ވިދާޅުވިއެވެ.

241 ކޮމިިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި "ވަގުތު" އިން ސުވާލުކުރަނީ - ފޮޓޯ: މަޖިލީސް

މިއީ މަޖިލީހުން ހިންގާ އެންމެ ބޮޑު އިންކުއަރީއެވެ. މިހާ ގިނަ އަދަދެއްގެ މީހުން، އެއް މައްސަލައަކަށް ހާޒިރު ކުރި ވެސް މިއީ ފުރަތަމަ ފަހަރެވެ. 49 މީހުން ހާޒިރުކުރިއިރު ގިނައީ ސިފައިންގެ މީހުންނެވެ. ސިފައިންގެ 32 މީހަކު ހާޒިރުކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ބޮޑީގާޑުންނާއި، ރައީސް ނަޝީދުގެ ޑްރައިވަރާއި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ ކޮމާންޑަރުންނާއި، ކްލޯސް ޕްރޮޓެކްޝަން ޔުނިޓްގެ ކޮމާންޑަރުންނާއި، ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސް ވެރިންނާއި ދިފާއީ ބާރުގެ އިސް ވެރިން ވެސް ހާޒިރުކުރިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުލް ރަހްމާން ވަނީ ދެ ފަހަރެއްގެ މަތިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާއި، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއާއި، މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

މަޖިލީހުގެ މި އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ކުރަން ޑިފެންސުން ފުރަތަމަ ދެކޮޅު ހެދިއެވެ. އެއާއެކު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވެސް ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ފަހުން ވަކިވަކި ސިފައިން ވެސް ހާޒިރު ކުރަން ފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދޫ

    ކޮންމެކަމަކަށް މަޖިލީހުގަ އިންކްއަރިއާއި ތިކުރާކަންކަމަކީ ބޭކާރު ބާތިލް ކަންކަން ގައުމުގަ ދެ ސަރުކާރު ކެނެރީގެ ނަސީދު އަށް ސަރުކާރަކާ އިބްރާހިމް މުހަންމަދު ސާލިހު އަށް ސަރުކާރެއް ހިންގާތީ ގައުމުގަ މިވަނީ އަމާންކަން ގެއްލިޔފަ ރައްޔިތުން މިވަނީ އިތުބާރު ގެއްލިފަ. ގައުމުގަ އޮތް ހަގީގީ ސަރުކާރަކީ ކޮބައިކަން އޮޅިއްޖެ ގާނޫނުއަސަސީގަ ބުނާ ގާނޫނުހަދާ މަޖިލީހަކީ ކޮބައިކަންވެސް އޮޅިއްޖެ.

  2. ވެރިން

    ކުއްވެ ރި ކު ރަން ނޯން ދެން ކޮންކަމަކު، ކަލޭމެން ތިމަގާމަށް ރައްޔިތުން ހޮވި ކަންތައް ނުކޮށް މުޅިން ތިކަހަލުގެ ކަންކަމުގަ މި 5 އަހަ ރު ތި ދުއްވާލަނީ.

  3. ކާފަބޭ2020

    ތިޔަބުނިއެއްޗަކާ ދިދައިގަވާތިލަފަތް ކައްޗަށްހޫރޭތީ ތިޔަވާހަކަޔާދިމާވޭ! ކޮންއިންސާފެއްޢާއިމްކުރެވޭނީ؟ ވައްކަންކުރީމަ އަތްކެނޑިޒަމާންނޫންވީމަ މިހާރުވައްކަންނުކުރާކަމަށްވާނެތޯ؟ ވައްކަމާމަކަރާހީލަތުން އެމީހަކަށްއަތުޖެހުނުވަރަކަށް ކޮޅުގޮހޮރަށް ކައިގެންތިބެ ކޮންއިންސާފެއްހޯދައިދެވޭނީ؟ ނަންނަންކިޔާފަ ތަންތަންހަދަނީ ޕާޓީގެވަކިބަޔަކަށް ރުފިޔާފައިސާބަހަން ރައިއްޔަތަކަށްވާކަމެއް ނިކަމެތިކަންފިޔަވާލިބޭއެއްޗެެއްނެތް!
    ީ