ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ މުއްދަތު އަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހާ ހަމައަށް ދިގު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މިހާރު ހިނގާ ދައުރުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ 30 އަށެވެ. އެކަމަކު، މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ދައުރު ދިގު ކުރެވޭނެއެވެ.

ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ އިތުރު އެއް ހަފުތާއަށް މަޖިލީހުގެ ދައުރު ދިގު ކުރަން ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. ދައުރު ދިގު ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މަޖިލީހުގެ ދައުރު ދިގުކޮށްލިއިރު މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު ފަހުން މި އަހަރުގެ ފުރަތަމަ ދައުރު ފިޔަވައި އެހެން ކޮންމެ ދައުރެއްގެ މުއްދަތު ވެސް ދިގުކޮށްފައިވެއެވެ. ކުރީގެ މަޖިލިސްތަކާ ޚިލާފަށް މި މަޖިލީހުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަޖިލީހުގެ އިދާރާގައި މި ވަގުތު ކުރެވެމުންދާ އެއް މަސައްކަތަކީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއެވެ. އެ އިންކުއަރީއަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއެކެވެ.

މަޖިލީހުގެ ދައުރު ދިގުކޮށްފައި މިވަނީ، މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ވެސް ހިނގަމުން ދަނިކޮށެވެ.

މީގެ ތެރޭގައި 241 ކޮމިޓީގެ އިންކުއަރީގެ އިތުރުން ނަފުރަތުގެ އަމަލުތައް ބަޔާން ކުރާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި، ދީނަށް ފުރައްސާ ކުރުމުގެ ކުށް ތަފްސީލްކޮށް ބަޔާން ކުރާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ވެސް އޮތީ ފެށިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ދެ ބިލުގެ ތެރެއިން ނަފުރަތުގެ އަމަލުތައް ބަޔާން ކުރާ ބިލު އޮތީ ޖުޑިޝަރީ ކޮމިޓީގައި ދިރާސާ ކުރުމުގެ މަރުހަލާގައެވެ. ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ތަފްސީލް ކުރާ ބިލގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ވެސް އަދި ނުފަށައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ހިސާން ހުށަހެޅުއްވި ބިލާ ގުޅިގެން ފާޑުކިއުންތައް އިންތިހާއަށް އަމާޒުވިއެވެ. ދީނަށް ފުރައްސާރަ ކުރުމުގެ ކުށް ބަޔާން ކުރާ ބިލް ހުށަހެޅީ ވެސް ފުރަތަމަ ބިލަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ.

އެ ބިލަށް ފާޑުކިއުން އަމާޒުވެގެން ދިޔައީ އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް އޮތުމުންނެވެ. އޭގެ ސަބަބުން ޚިޔާލު ފާޅު ކުރުމަށާއި ދީނީ ނަސޭހަތް ދިނުމަށާއި މުންކަރާތްތައް ނަހީކުރުމަށް ހުރަސް އެޅިގެންދާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.