އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލް އެވިޑް ކޮލެޖް އާއި ހަވާލު ކުރުމަށް ނިންމައިފިއެވެ.

"އެވިޑް ސްކޫލް އޮފް އޭވިއޭޝަން" ގެ ދަށުން ފްލައިން ސްކޫލް ހިންގުމަށް ވެވޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެވިޑް ކޮލެޖާއި ފްލައިން ސްކޫލް ހިންގުން ހަވާލު ކުރުމަށް ނިންމާފައިވާއިރު، ރާއްޖޭގައި އޭވިއޭޝަން ކިޔަވަމުން އަންނަ ދަރިވަރުން ވަނީ އެކުދިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ނުލިބޭތީ އެކަމުގެ ހިތް ހަމަ ނުޖެހުން ހުރިކަން މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.

އެގޮތުން މީގެ ކުރިން އެތަން ހިންގާފައިވާ އޭއޭއޭ ކުންފުނީގެ ވެރިންގެ ފަރާތުން އިންޒާރު އައުސް، ކޯސްތައް ދިގުލައިގެން ދާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ފްލައިން ސްކޫލް ހިންގާ އޭއޭއޭ އާއެކު ގަން އެއާޕޯޓު ކުންފުނިން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މިއަހަރުގެ ޖުލައި ނިޔަލަށް ހަމަވާއިރު، ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ، ސުރަންޖަން ޑި ސިލްވާ އާއި އެކައުންޓެބަލް މެނޭޖަރ، އަލީ އަކްބަރު ސައިފުއްދީން ޖީވަންޖީގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް އަންގަވާފައެވެ.

މީގެއިތުރުން ރައީސް ވަނީ އެ ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހަދައި، އިހުމާލުވެފައި ވާނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުވާލު

    އެވިޑް ކޮލެޖުން ފްލައިންގ ސްކޫލު ހިންގަން ތިހަވާލު ވާނީ ކިހާ ވަރެއްގެ ތަޖުރިބާއަކާއި އެކުތޯ؟ ނުވަތަ ކިހާ ތަޖުރިބާއެއް ، ޤާބިލުކަމެއް ހުރި ކުންފުންޏެއްގެ އިރުޝާދުގެ ދަށުންތޯ؟ ޕްރޮފައިލް އަކީ ކޮބައިތޯ؟ މިހެން މިއަހާލީ މީގެ ހަފްތާއެއް ކުރިން ޔޫރަޕުންނާއި އެމެރިކާއިން ފްލައިންގ ސްކޫލު ހިންގަން ޝައުގެވެރިކަން ފާޅުކޮށްފައިވާ ހަބަރު އެހިން. ނޫސްވެރިން މި މައުލޫމާތުތައްވެސް ސާފުކޮށް ހިމަނާ ހަބަރު ލިޔާނަމަ ރަނގަޅަށް ކަންތައްތައް އޮޅުން ފިލާނެކަމަށް ދެކެން.