އައްޑޫސިޓީން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދުގެ ހަވީރު 18:00 އާއި ހަމައަށް ފައްސިވެފައިވާ ހަތް މީހުންނަކީ ހިތަދޫން ފައްސިވެފައިވާ މީހުންނެވެ.

އޭގެ ތެރެއިން ހަ މީހުންނަކީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި މީހުންނެވެ. އަދި އެކަކީ ވަކި ތަރުތީބެއް ނެތި ނެގި ސުންކަކުން ފައްސިވެފައިވާ މީހެކެވެ.

މިއާއި އެކީ އައްޑޫން ފައްސިވި ޖުމްލަ މީހުންގެ އަދަދު ވަނީ 446 އަށް އަރާފައެވެ. އޭގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އައްޑޫސިޓީން ހަލުވި ކަމާއި އެކީ ކޮވިޑް-19ގެ ވޭދަނަތައް ފެންނަމުން އަންނަ މި ދަނޑިވަޅުގައި ސިޓި ކައުންސިލުން ވަނީ ހިތަދޫގައި ހަރުކަށި ފިޔަވަޅު އަޅާފައެވެ. އެގޮތުން ކާފިއު މުއްދަތު އިތުރުކޮށް ކާފިއު ނޫން ވަގުތު ބޭރުގައި އުޅުމަށް ވަކި ހާއްސަ ހުއްދައެއް ބޭނުންވާނެ ކަމަށް ވަނީ ބުނެފައެވެ.