ހިޔާ މަޝްރޫޢުގެދަށުން ހުޅުމާލެގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު ދެއްކުމަށް ނިންމައި އެކަން ކުރިއަށްދާނެ ތާވަލެއް އެޗްޑީސީ އިން އާއްމުކޮށްފިއެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަޝްރޫޢުގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް 26 ޖޫން ވާ ހޮނިހިރު ދުވަހުން ފެށިގެން 4 ޖުލައި ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ފުލެޓުތައް ބަލައިލުމުގެ ފުރުޞަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ފުލެޓުތައް ދެއްކުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. ކޮންމެ ފުލެޓަކުންވެސް، ފުލެޓު ބެލުމުގެ ފުރުޞަތު ދެވޭނީ ގިނަވެގެން ދެފަރާތަކަށެވެ. ފުލެޓު ބަލަން ދާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެއެވެ. ފުލެޓު ބަލަން ވެރިފަރާތައް ހާޒިރު ނުވެވޭނަމަ، ބަދަލުގައި ހާޒިރުވާ ފަރާތުން، ވެރިފަރާތުގެ އައިޑީ ކާޑުގެ ސާފު ފޮޓޯއެއް ގެންދަން ޖެހޭނެއެވެ.

ފުލެޓު ބަލަން ހާޒިރުވާ ފަރާތްތަކުން ފުލެޓު ބަލަން އަންނަ ފަރާތްތަކުގެ ހާޒިރީ ގައި ނަން ނޯޓުކޮށް ސޮއިކުރަން ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ކޮންމެ ފަރާތަކުންވެސް އަމިއްލަ ގަލަންފަދަ ތަކެތި ގެންދަން އެޗްޑީސީ އިން އެދެއެވެ.

މި ހުޅުވާލެވޭ ފުރުޞަތުގައި ފުލެޓު ބަލަން ހާޒިރުނުވެވޭ ފަރާތްތަކަށް ފުލެޓު ދެއްކުން ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކޮށް ފުލެޓު ހަވާލުކުރާ ދުވަހުކަމުގައި ވެސް އެޗްޑީސީ އިން ވިދާޅުވިއެވެ.

އެޗްޑީސީ އިން ބުނީ މި ފްލެޓުތައް ދެއްކުމަށް ހުޅުވާލުމުގެ މަޤުޞަދަކީ ފުލެޓު ލިބިފައިވާ ފަރާތްތަކުން، ފުލެޓު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެފަރާތަކަށް ލިބިފައިވާ ފުލެޓު ބަލައި، ފުލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތްތުގެ އަންދާޒާއެއް ހެދުމަށާއި، ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާނެ ފުލެޓުގެ މިންތައް ނެގުމަށް ފުރުޞަތު ދިނުމެވެ.

މިއީ ނިސްބަތުން ގިނަ އަދަދެއްގެ ފުލެޓުތަކެއްކަމުން، މި ފުލެޓުތައް ދެއްކުމުގެ މަސައްކަތް ކުރުމަށް އެޗްޑީސީ އިން ވާނީ، މިކަމަށް ހާއްޞަކޮށްގެން އިންޓާރން މުވައްޒަފުންތަކެއް ނަގާފައި ކަމަށާއި އެހެންކަމުން، ފުލެޓު ބަލަން ހާޒިރުވާ ފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބުދާރީނުވެވުމަކީ އެކަށީގެންވާކަމެއް ކަމުގައި އެޗްޑީސީ އިން ވިދާޅުވިއެވެ. ނަމަވެސް، ފުލެޓު އެއްބަސްވުމުގައި ސޮއިކޮށް ފުލެޓާއި ހަވާލުވާން ހާޒިރިވާއިރު މިފަދަ ސުވާލުތަކަށް ޖަވާބުދާރީވުމަށް އެންމެ ފުރިހަމަ ތައްޔާރީވާނޭކަމުގައި ޔަޤީންކަންއަރުވާ ކަމަށް ވެސް އެޗްޑީސީ އިން ވިދާޅުވިއެވެ.

އެޗްޑީސީ އިން މިހާރު ނިންމާފައި އޮތީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފްލެޓްގެ އެގްރިމެންޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ.