ނަފްރަތުގެ ކުށް މާނަކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާ ކުރާ ޖުޑިޝަރާ ކޮމިޓީ އަށް ލިބިފައިވާ ޚިޔާލުތައް އާންމު ކުރަން ޖެހޭނެ ކަމަށް މަޖިލިހުގެ ވިލިނގިލި ދާއިރާގެ އަމިއްލަ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަށް އާންމުކޮށް ޚިޔާލު ހޯދަން ހުޅުވާލީ މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ގިނަ އަދަދެއްގެ ބަޔަކު ޚިޔާލު ހުށަހަޅާފައިވާ ކަމަށްވެއެވެ.

މި ބިލާ މެދު އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް އަމާޒުވީ ބިލުގެ ފުރަތަމަ މާއްދާތައް އޮތް ގޮތުންނެވެ. މި ގޮތުން އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ބިލުގައިވެއެވެ.

މިއީ ޚިޔާލު ފާޅު ކުރުމާއި ދީނީ ނަސޭހަތް ދިނުމާއި މުންކަރާތްތައް ނަހީ ކުރަން އެންގުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް އޮތް އިބާރާތްތަކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ޖުޑިޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ސައުދު ވިދާޅުވީ މި ބިލާ މެދު އާންމު ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ ހުރި ކަންބޮޑުވުންތައް ލިބުނު އެތައް ޚިޔާލުތަކުން ފެންނަން އެބަ އޮތް ކަމަށެވެ.

ގިނަ ބަޔެއްގެ ކަންބޮޑުވުންތަކެއް އޮތް ބިލަކަށް ވާތީވެ ބިލު ދިރާސާކޮށް ނިންމައި ފާސްކުރުން އަވަސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި ކޮމިޓީން ދިރާސާކުރުން އަވަސް ކުރަން ހުރި ވިސްނުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅިވިއެވެ.

އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ އަމިއްލަ މެންބަރު ވިދާޅުވި ގޮތުގައި މިހާތަނަށް ކޮމިޓީއަށް ލިބުނު ޚިޔާލުތައް އާންމު ކުރަން ޖެހޭ ކަމުގައި ދެކެވަޑައިގަންނަވައެވެ.

"ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އިންތިހާއަށް އެބަ ފާހަގަކުރޭ، ޚިޔާލަށް ހުޅުވާލުމުން ވަރަށް ގިނަ ޚިޔާލު ލިބިގެން ދިޔަ، އެއިން ވެސް އެކަން އެނގިގެން ދިޔަ، ރައްޔިތުން ފޮނުވި ޚިޔާލުތައް އާންމު ކުރަން ވެސް އަޅުގަނޑު ހުށަހަޅަން،" ސައުދު ވިދާޅުވިއެވެ.

ބިލު ދިރާސާ ކުރުމަށް ޓަކައި އޮންލައިންކޮށް ކޮމިޓީ ބައްދަލުވުންތައް ބޭއްވުމުގެ ބަދަލުގައި މަޖިލީހަށް ޖަމާވެ ތިއްބަވައިގެން ކޮމިޓީ ގެންދަން ކޮމިޓީގެ ބައެއް މެންބަރުން އެދިވަޑައިގަތެވެ.

ސައުދު ވެސް އެ ކަމަށް އެދިވަޑައިގަންނަވަމުން އޭނާ ވިދާޅުވީ ކޮމިޓީން ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިންނާއި ދީނީ އިލްމުވެރިންނާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުގެ ބޭފުޅުންނާ ބައްދަލުކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާ ހިންގަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ އެހާ އަވަސް ކުރާކަށް. ކޮމިޓީއަށް މީހުން ހާޒިރުކޮށް މީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެން ވާނެ. ޚިޔާލު ތަފާތުވުން ކުޑަ ކުރުމަށް ޓަކައި ވެސް މި ކަން އެބަ ކުރަން ޖެހޭ،" ސައުދު ވިދާޅުވިއެވެ.

ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ސައުދު ވެސް ގޮވާލެއްވީ ބިލު އަނބުރާ ފޮނުވާލުމަށެވެ. ރަނގަޅު ނިޔަތެއްގައި ބިލު ހުށަހެޅިނަމަ މިހާރު އޮތް ގޮތަށް ބިލު ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖުޑިޝަރީ ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ރޭ ނިންމީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ކޮމިޓީއަށް ލިބިފައިވާ ޚިޔާލުތައް ދިރާސާކޮށް ނިންމުމަށެވެ. ޚިޔާލުތައް ދިރާސާ ކުރުމަށް ފަހު ދެން ކޮމިޓީން ކުރިއަށް ދާނެ ގޮތެއް ފާސް ކުރުމަށެވެ.

އެ ގޮތަށް ފާސްކުރަން ވެސް ކޮމިޓީގެ ބައެއް މެންބަރުންގެ ކަންބޮޑުވުން އޮތެވެ. އެއީ އެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅަނީ އެ ދުވަހަށް ބިލު ނިންމައި މަޖިލީހުގެ މިހާރު ހިނގާ ދައުރުގެ ކުރިން ބިލު "އަވަސް އަރުވާލާފައި" ފާސް ކުރުމަށް ކަމަށް ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާނޭ

    ތިޔަ ބިލް ފާސް ކުރުމަށް ރައީސް ސޯލިހް ދެއްވާ ޚާއްޞަ ސަމާލު ކަން އިތުރުވުމާި، އެމް.ޑީ.ޕީގެ ބާރު އެޅުމާއެކު، ޢާއްމު ކުރާނެ ކަމަށް ބޮޑަށް ބެލެވެނީ ދީނާ ދެކޮޅު ޚިގާލުތައް އެކަނި ކަމަށް ބެލެވޭ. ބޭނުމަކީ ރައްޔިތުން ބޭނުންވަނީ ލާދީނިއްޔަތަށް ބާރުލިބޭ ބިލެއް ފާސްކުރަންކަން. ތިޔައީ އަބަދުވެސް ނަޝީދު ބޭނުންވާ ގޮތް. މާތްﷲ އަޅަމެނަށް ހެޔޮގޮތް މިބްވަރު ކުރައްވާނެ. މުސްލިމުން ވަކީލު ކުރަނީ ﷲ އަށް. އަހަރެމެންނަށް ﷲ ފުދޭ.